ތެހެރާން (ޖެނުއަރީ 3) : ނިއުކްލިޔާ ފިއުލްރޮޑް އުފައްދައި އެއިން ނިއުކްލިޔާ ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީގައި ބޮޑު ކުރިއެރުމެއް ހޯދިއްޖެ ކަން އީރާނުން އިޢްލާންކޮށްފި އެވެ. އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ އިން އިއްޔެ އިޢްލާންކުރި ގޮތުގައި އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން ފައްކާކުރި ޔުރޭނިއަމް އިން އުފެއްދި ފުރަތަމަ ނިއުކްލިއާ ފިއުލްރޮޑް މިދިޔަ ހަފްތާގައި ވަނީ ކާމިޔާބު ކަމާއެކު ޓެސްޓް ކުރެވިފަ އެވެ.

އީރާނުގެ ނިއުކްލިޔާ ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން އުފެއްދި ފުރަތަމަ ނިއުކްލިޔާ ފިއުލްރޮޑްގެ ފެންވަރު ބެލުމުގެ ތަހުލީލުތަކުން ވަނީ އެރޮޑް ކާމިޔާބުކަން ހާމަވެފަ އެވެ. މި ރޮޑް ބޭނުންކޮށްފައި ވަނީ ކެންސަރު ބަލި ފަދަ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ނިއުކްލިޔާ ރޭޑިއޭޝަން އުފެއްދުމަށް ޚާއްސަކޮށްގެން ތެހެރާންގައި ޤާއިމްކޮށްފައިވާ ނިއުކްލިޔާ ލެބޯޓްރީއެއްގަ އެވެ. މި ލެބޯޓްރީގައި މިހާތަނަށް ބޭނުން ކުރަމުން ގެންދިޔައީ 1993 ވަނަ އަހަރު އާޖެންޓީނާ އިން އެތެރެކޮށްފައިވާ ނިއުކްލިޔާ ފިއުލް ރޮޑްތަކެކެވެ.

އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ ބުނާ ގޮތުން މި ލެބޯޓްރީގައި މިހާރު ވަނީ އަމިއްލަ ޓެކްނޮލޮޖީގައި އީރާނުގެ ސައެންސްވެރިން ތައްޔާރުކޮށްފައިވާ ފިއުލް ރޮޑްތައް ތަޖްރިބާކުރުމަށް ފަހު އެތަޖްރިބާ ކާމިޔާބުކަން ޔަގީންވެފަ އެވެ. މިއީ ނިއުކްލިޔާ ޓެކްނޮލޮޖީގައި އީރާން ހޯދި ބޮޑު ކާމިޔާބެއް ކަމަށް ސައެންސްވެރިން ސިފަކުރާއިރު އެމެރިކާއާއި ޔޫރަޕް ވަނީ މިކަން ޤަބޫލުކުރުމަށާއި އީރާނުގެ މިޤާބިލްކަން ހުރިކަމަށް އެއްބަސްވުމަށް އަދި ފަސްޖެހިފަ އެވެ.

ދެ ހާސް ހަތަރު ވަނަ އަހަރު އީރާނުން ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިން އަމިއްލައަށް އުފައްދައިގެން ޔޫރޭނިޔަމް ފައްކާކުރަން ފެށުމުން ވެސް އެކަން ޤަބޫލުކުރުމަށް ދުވަސްތަކެއްވަންދެން އެމެރިކާ އާއި ޔޫރަޕް ފަސްޖެހުނެވެ. ނަމަވެސް ފަހުން ވަނީ އެކަން ޤަބޫލުކޮށްފަ އެވެ.

ޔުރޭނިއަމް ފައްކާކުރުމުގެ ޓެކްނޮލޮޖީގައި އީރާން ކުރިޔަށްދާކަން ހާމަވުމުން ހުޅަނގުން ވަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން އީރާން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެޤައުމު އިޤްތިސާދީ ގޮތުން އިނދަޖައްސާލުމަށް ޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އީރާން ބުނާ ގޮތުން އެޤައުމުގެ ބޭނުމަކީ އެޤައުމުގެ ނިއުކްލިޔާ އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ނިއުކްލިޔާ ފިއުލް އަމިއްލަ އަށް އުފެއްދުމާއި ނިއުކްލިޔާ ޓެކްނޮލޮޖީގައި ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާ ނުވުމެވެ.
ނިއުކްލިޔާ ފިއުލް ރޮޑް ބޭނުންކޮށްގެން ނިއުކްލިޔާ އިންޖީނުގެތަކާއި ލެބޯޓްރީތައް ހިންގުމުގެ ޤާބިލްކަން އީރާނަށް ލިބިއްޖެ ނަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އީރާނުގެ ކިބާގައި ހުންނާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ރޮއިޓާސް+އަލްޢާލަމް)