ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ރޯވެ، ލޯންޗުން ދަތުރުކުރަމުން ދިޔަ ދެ މީހަކު ފިހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވީ "މާލިފުށި 2" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ.

ލޯންޗުގައި އަލިފާން ރޯވީ ރިސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ގުރައިދޫއަށް ޖައްސަން ދަނިކޮށް، އެރަށު ބޭރުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ލޯންޗުގައި ރޯވި އިރުު، ހަ މީހަކު އެ ލޯންޗުން ދަތުރުކުރަމުން ދިޔަ ކަމަށާއި، އޭގެ ތެރެއިްނ ދެ މީހަކު ފިހިފައިިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ދެމީހުންނަށް މާލިފުށި ރިސޯޓުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ލޯންޗުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.

ނަމަވެސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ލޯންޗުގެ ވަނީ ވަރަށް ބޮޑަށް އަޑިއަށް ގޮސްފަ އެވެ.