އިދިކޮޅު މެމްބަރުންވެސް ސުލްހަވެރި ސިޔާސީ ހަރާކާތެއް ހިންގަން ބޭނުން ނަމަ މަޖިލީހަށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައި ނުގަންނަވަނީ މަޖިލީހުގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ އެވެ. އެއީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާވާގޮތަށް އެމްޑީޕީ މެމްބަރުން އަމަލު ކުރި މައްސަލާގަ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އެދިވަޑައިގަތީ ވާދަވެރި މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށެވެ.

"ވާދަވެރިންގެ ކިބައިން އަނެއްކާވެސް އަޅުގަނޑު އެދެން ބޭނުން. މި މަޖިލީހަށް ވަޑައިގަންނަވާށޭ. މި މަޖިލީހުގައި ނޫންތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ. ތިބޭފުޅުން ސުލްހަވެރި ސިޔާސީ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން އެދިވަޑައިގަންނަވާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން." މަޖިލިސް ރައީސް ވިދާޅުވި އެވެ.

ހުރިހާ ސިޔާސީ ޕާޓީތަކެއްވެސް ރެޖިސްޓްރީކޮށްގެން ހިންގަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.