03 Jan 2012, 09:13
އަންކަރާ (ޖަނަވަރީ 2) : ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ ޙަމާސްގެ ވަގުތީ ސަރުކާރުގެ ވެރިޔާ އަދި ފަލަސްތީނުގެ ކުރީގެ ސަރުކާރުގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ތުރުކީ އަށް ވަޑައިގެން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލު ކުރައްވައިފި އެވެ.
އަންކަރާ އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ހަނިއްޔާ ވިދާޅުވީ ތުރުކީގެ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ސަޕޯޓް ގްރޫޕްގެ ލީޑަރާ ވެސް ބައްދަލުކުރައްވާނެ ކަމުގަ އެވެ.
މިއީ، ހަނިއްޔާ، ބޭރުޤައުމުތަކަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. ހަނިއްޔާގެ ބޭރު ދަތުރުފުޅު ފައްޓަވާފައި ވަނީ ސޫދާނުންނެވެ. ސޫދާނުގައި އޭނާ ވަނީ ރައީސް ޢުމަރު ޙަސަން އަޙްމަދުލް ބަޝީރާ ބައްދަލުކުރައްވާފަ އެވެ. ތުރުކީއާއި ސޫދާނުގެ އިތުރުން ހަނިއްޔާގެ މިދަތުރުފުޅުގައި މިސްރާއި ބަޙްރައިންއާއި ޤަތަރު ވެސް ހިމެނޭ ކަމަށް ޣައްޒާގެ ވަގުތީ ސަރުކާރުންބުނެ އެވެ.
ހަނިއްޔާގެ މިދަތުރުފުޅުގެ ސަބަބުން ޢަރަބި ޤައުމުތަކާއި މެދުއިރުމަތީގެ އެހެން ޤައުމުތަކުން ޙަމާސް ޖަމާއަތް ބަލައިގެންފައިވާ މިންވަރު އިސްރާއީލަށާއި އެމެރިކާ އަށް އެނގިގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުން ފަލަސްތީނު މިނިވަންކުރުމަށް ޙަމާސުން ހަތިޔާރުގެ ޖިހާދެއް ކުރަމުން ގެންދާތީ އިސްރާއީލު ގެންދަނީ ޙަމާސަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރަމުންނެވެ.
ދެހާސް ފަސް ވަނަ އަހަރު ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު އިންތިޚާބު ކާމިޔާބުކޮށްގެން ޙަމާސުން އެކުލަވާލި ދިމުޤްރާތީ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ވަނީ އެމެރިކާއާއި ޔޫރަޕުން ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާހަށް ކުރިމަތި ފިއްތުންތަކެވެ.
ހުޅަނގުން ފަލަސްތީނުގެ ޑިމޮކްރަސީއަށް ހުރަސް އަޅަމުން ގެންދާ މައްސަލާގައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވަނީ ހުޅަނގުގެ ސަރުކާރުތައް ތަކަށް ފާޑުވިދާޅުވެ އެއީ ޑިމޮކްރަސީގައި ދެފުއްދެގޮތް ސަރުކާރުތަކެއް ކަމަށް ސިފަކުރައްވާފައެވެ. (އަލްޖަޒީރާ)