02 Jan 2012, 20:40
ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ކުރައްވާ ޖިނާއީ ކުށުގެ މައްސަލަ ހަލުއިކޮށް ބަލަން ގައުމީ ޕާޓީން ފުލުހުންނަށް ގޮވާލައިފި އެވެ.
ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީން މިއަދު ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނަނީ ރާއްޖޭގެ އިޤްތިސޯދަށް ބޮޑެތި ގެއްލުން ކުރިމަތިވާ ފަދަ އަމަލު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުންނާއި ސަރުކާރުން ކުރިން ބުނެފައިވާ ކަމަށެވެ.
ސަރުކާރުން އެހެން ބުނެފައި ވަނީ ވިލުރީފުގެ ކައިވެނީ މައްސަލައިގަ އެވެ.
ކުރީގެ ގާޒީ އަދި އަދި ދެ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވެވި ފުވައްމުލަކު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ހިމެނި ވަޑައިގަންނަވާ ޕާޓީގެ ސިޓީގައި ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ސުޕާތައް ބަންދުކުރަން އަންގައި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ރާއްޖެ ބަދުނާމު ކުރީ ރައީސް ނަޝީދާއި މިނިސްޓަރު ޒުލްފާ އިސްވެ ތިއްބަވައިގެން ކަމަށް ބުނެފައިވެ އެވެ. އަދި ބުނަނީ އެއީ ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުކޮށްލަން ކުރި ޖިނާއީ ކުށެއް ކަމަށެވެ. ދެން ބުނެފައި ވަނީ ވިލުރީފުގެ ކައިވެނީގެ މައްސަލަ ބެލި އުސޫލަށް ވުރެ ވެސް ހަލުވި އަދި ހަރުދަނާކޮށް މި މައްސަލަ ބަލަން ޖެހޭނެ ކަމަށާއި ބަލައި ދިނުމަށް އެ ޕާޓީން އެދޭ ކަމަށެވެ.
ޑީއާރްޕީއާ ކޯލިޝަން ވެސް ހަދައިފައި އޮންނަ އެ ޕާޓީން ބުނަނީ އޮކްޓޯބަރު11، 2010 ގައި ވިލުރީފްގައި ބޭއްވި ފޭކް ކައިވެނީގެ މައްސަލަ ބޭރުގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ސަމާލުކަމަށް ދިއުމުން އެކަމުގައި އިސްވެ ހަރަކާތްތެރިވި ފަރާތްތައް ހައްޔަރުކޮށް އެތައް ދުވަހެއް ވަންދެން މައްސަލަ ތަހުގީގުކުރި އިރު އެމީހުން ބަންދުގައި ބައިތިއްބުމަށް ވެސް ކޯޓް އަމުރު ހޯދި ކަމަށެވެ.
ރިސޯޓުތަކުގެ ސުޕާތައް ބަންދު ކުރުމުގައި ރައީސް ނަޝީދާއި މިނިސްޓަރު ޒުލްފާއާ އެކު ބައިވެރިވި ހުރިހާ ފަރާތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައި ދިނުމަށް ވެސް ގައުމީ ޕާޓީން އެދިފައިވެ އެވެ. ބުނަނީ ފަރުދުންގެ މެދުގައި ތަފާތު ކުރުމެއް ނެތި، ޖިނާއީ ކުށެއް ކުރާ މީހެއްގެ މޫނަށާއި ކަނދުރާއަށް ނުވަތަ މަޤާމަށް ނުބަލައި މައްސަލަ ބަލައި ތަހުގީގު ކުރުމަކީ ކޮންމެ ފުލުހަކު ކޮށްފައިވާ ހުވާގެ ދަށުން ދުސްތޫރީ ޒިންމާއެއް ކަމަށެވެ.
ގައުމީ ޕާޓީގެ ސިޓީގައި ގާނޫނީ ނުކުތާތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސުޕާތަކަކީ މުދާ ހޯދުމާއި މުދަލުން މުއާމަލާތްކުރުމުގެ އަސާސީ ހައްގުގެ ދަށުން ހިމާޔަތްކުރެވިގެންވާ ހައްގެއް ކަމަށާއި ގާނޫނީ އިމުން ބޭރުން ކޯޓް އަމުރަކާ ނުލައި އެ ހައްގަށް އަރައި ގަތުމަކީ ކުށެއް ކަމަށާއި ރިސޯޓްތަކުގެ ސުޕާތައް ބަންދުކުރަން ސަރުކާރުން އެންގީ ވިލާ ރިސޯޓްތަކުގެ ސުޕާތައް ބަންދުކުރަން ސަރުކާރަށް ނޭންގޭނެ ކަމަށް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ކަމަށެވެ.