30 Jun 2020, 23:14
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) މާދަމާއިން ފެށިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ) އަށް ބަދަލުކުރެވި މަސައްކަތް ކުރިއަށް ދާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަަންނަ ކޮވިޑް-19އާ ގުޅިގެން ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މާޗް މަހު އެކުލަވާލެއްވި ޚާއްސަ ޓާސްކް ފޯހެކެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ސޯލިހު ވަނީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީއަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްތައް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވައިފައެވެ.
އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިހާތަނަށް ކޯވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ބައެއް އެހެން ގައުމުތައް ދިޔަފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މައުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވެވިއެވެ.