30 Jun 2020, 22:46
ޖުލައި 1 ވަނަ ދުވަހުން ފެށިގެން މާލޭގައި ފަތިހު 5:00 ރޭގަނޑު 10:00 އަށް ކެފޭ ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފި އެވެ.
ކެފޭ ރެސްޓޯރެންޓްތައް ހުޅުވައި އާންމުންނަށް ޚިދުމަތް ދެވޭނެ މި ގަޑިތައް ކަނޑައަޅާފައި ވަނީ އިކޮނޮމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައެވެ.
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި، މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ލުއި ދިނުމަށް ނިންމުމާ ގުޅިގެން، ޖުލައި 1 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގައި ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ކެފެޓީރިއާ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ ފަތިހު 5:00 ން ރޭގަނޑު 22:00 އަށެވެ." އިކޮނޮމިކް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
އެހެންނަމަވެސް، މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައި، އާންމުންނަށް ޚިދުމަތް ދެވޭނެ ގަޑިއަކީ ހެނދުނު 9:00ން ރޭގަނޑު 22:00 އާ ހަމަޔަށް ކަމަށެވެ.
"ކެފޭތަކުގެ އިން ޑައިނިންގް، މާނައަކީ ކެފޭތަކުގައި ނުވަތަ ރެސްޓޯރެންޓްތަކުގެެ އެތެރޭގައި ތިބެގެން ޚިދުމަތް ހޯދުމަށްވެސް މިވަނީ ހުޅުވާލެވިފައި. ހެނދުނު 9:00 ރޭގަނޑު 22:00 އާއި ހަމަޔަށް،" މަބްރޫކު ވިދަޅުވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވި ގޮތުގައި ފިހާރަތަކަށްވެސް ވަދެވޭނީ ހެނދުނު 9:00 ރޭގަނޑު 22:00 އާއި ހަމަޔަށެވެ.
އެއާއެކު ކެފޭ އަދި ފިހާރަތަކަށް އާންމުން ވަނުން މަނާކުރެވުނު ނަމަވެސް ޑެލިވަރީ ޚިދުމަތްތައް 23:00 އާއި ހަމަޔަށް ކުރިއަށް ގެންދެވިދާނެކަމަށް މަބްރޫކު ވިދާޅުވި އެވެ.