02 Jan 2012, 19:42
ރިސޯޓްތަކުގެ ސުޕާތައް ބަންދުކޮށްފައި އޮންނަ ކޮންމެ ދުވަހަކު ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ބުނެ ޓޫރިޒަމް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ފިރިކަލުން އަދި މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުހައްމަދުގެ ނަމުގައި މިއަދު ހަވީރު މަޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގެ ސުޕާތައް ބަންދު ކުރި މައްސަލަ ޝަރީއަތަށް ހުސަހެޅީ އެ މައްސަލަ "އަލުން ރުޖޫއަކޮށް ދެއްވުން އެދި" ޓޫރިޒަމް މިނިސްޓްރީގައި އިލްތިމާސްކޮށް "އަދި މި ނިންމެވުމުން ބަދަލު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރުމަށް ފަހު މި މައްސަލަ އަށް ހައްލެއް ނުލިބުމުން" ކަމަށެވެ.
މަޓީން ނެރުނު ދެ ސަފުހާގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ހުރިހާ ސުޕާތައް ބަންދު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ "ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއްވާނޭ" ކަމެއް ކަމަށެވެ.
ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައި ވަނީ، މަޓީން ބުނި ގޮތުގައި، "ދުނިޔޭގައި ދެވަނައެއް ނެތް ފަދަ ރީތި، މެހުމާންދާރީ ރަނގަޅު، ސުލްހަވެރި، ބައިނަލްއަގުވާމީ އަދި ދާހިލީ ގާނޫނުތަކަށް ތަބާވާ ގައުމެއްގެ ގޮތުގަ" އެވެ. އަދި ރާއްޖެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާފައިވާ ކުރިއެރުމަކީ އެ ނަމުގެ މައްޗަށް އެތައް ދުވަހެއްގެ މަސައްކަތުން ހޯދާފައިވާ ކުރިއެރުމެއް ކަމަށް ވެސް، ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލު ކުރާ މަޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ވުމާ އެކު ހަށިވިއްކުން ފަދަ، ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލު ނުކުރެވޭނެ ފަދަ އަމަލެއް ރާއްޖޭގެ ރިސޯޓްތަކުގައި ހިންގާ ކަމަށް ބުނުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނޭ ކަމެކެވެ،" މަޓީގެ ބަޔާނުގައިވެ އެވެ.
މަޓީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިނާޔަތެކެވެ. އަދި ކޮންމެ އަހަރަކު ބައިނަލްއަގުވާމީ އެތައް އިނާމެއް ހާސިލުކުރަމުން އަންނަ ސިނާއަތެއް ކަމަށް ވެސް މަޓީން ބުނެފައިވެ އެވެ.
"ރާއްޖޭގެ ރިސޯޓްތަކުގެ ސުޕާތަކަކީ، އެ ހިދުމަތުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތަށް މާލީ ފައިދާ އާއި އަދި ވަޒީފާގެ ފުރުސަތުތައް ފަދަ އެހެނިހެން އެތައް ފައިދާތަކެއް ލިބޭ ހިދުމަތެކެވެ،" މަޓީގެ ބަޔާނުގައިވެ އެވެ.
މަޓީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓްތަކުގެ ސުޕާތައް ބަންދު ކުރުމަށް އެންގީ "ތަހުގީގެއްގެ މައްޗަށް ބުރަވަޑައިގެން" ނޫން ކަމަށެވެ.
"އަދި ރާއްޖޭގައި ހިންގާ މަސާޖުކުރާ ތަންތަނުގައި ހަށިވިއްކުމުގެ އަމަލުތަކެއް ހިންގާ ކަމަށް ބަޔަކު ތުހުމަތު ކުރުމަކީ، އޭގެ ސަބަބުން، އެފަދަ އަމަލުތައް ނުހިންގައި، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ތިބި ފަރާތްތައް ޝާމިލުވާ ގޮތުން، އާންމުކޮށް އެންމެންނަށް އަދަބެއް ދިނުމުގެ ޖާގަ އޮންނާނޭ ކަމެއް ކަމުގައި މި އެސޯސިއޭޝަނުން ނުދެކެމެވެ." މަޓީގެ ބަޔާނުގައިވެ އެވެ.