30 Jun 2020, 22:17
އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާ ގުޅިގެން ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.
މަޖިލީހުން ބުނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.
ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މިހާރު އެ ބިލް އޮތީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގައެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަކީ ތަޅުމުގައި ހޫނު ބަހުސެއް ކޮށްފައިވާ ބިލެކެވެ. އަދި ބިލާ ގުޅޭގޮތުން އާންމުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ފުލުހުންގެ ހިދުމަތުގެ ބިލު ހިމެނޭގޮތުން ފަސް ބިލަކާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް މުޅި ރާއްޖޭގައި ބާއްވާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ފިޔަވަޅުތައް އެޅުމުގެ ކުރިން، މަޖިލީހުގެ އިދާރާގައި ބިލުތަކަށް މަޝްވަރާ ހޯދަން ބައްދަލުވުން ދިޔައީ ބާއްވަމުންނެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ފުރަތަމަ ބައްދަލުވުމުގައި ކުރިއަށް ދިޔައީ މިނިމަމްވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.
އަދި އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދަން ވެސް ތާވަލްކުރިއެވެ. ނަމަވެސް ވައިރަހާ ގުޅިގެން އެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.