ވޮޝިންގޓަން (ޖަނަވަރީ 2) : އެމެރިކާގެ ނިޔުޔޯކް ސިޓީގައި ހުންނަ އިސްލާމީ މަރުކަޒަށް ޙަމަލާދީ އެތާނގައި ހުޅުޖެހި ޙާދިސާ ތަހްޤީޤް ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

ނިޔުޔޯކްގެ ފަޔާ މެނޭޖްމެންޓުން މިއަދު ބުނީ ނިޔުޔޯކް ސިޓީގައި ހުންނަ އިސްލާމީ މަރުކަޒަށް މޮލްޓޯވް ބޮމަކުން ޙަމަލާދިނުމުގެ ސަބަބުން އެމަރުކަޒުގެ ޢިމާރާތެއްގެ ބޭރުގައި އަލިފާން ރޯވި ކަމަށާއި އެއަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލެވިއްޖެ ކަމުގައެވެ.

މި ޙާދިސާ ހިނގިކަން ރިޕޯޓްކޮށްފައިވަނީ ރޭ އިރައިކޮޅުގެ ވަގުތެއްގައި ކަމަށް ނިޔުޔޯކްގެ ފަޔަރ މެނޭޖްމެންޓުން ބުނެއެވެ. ނިޔުޔޯކްގެ ފުލުހުން ބުނިގޮތުގައި މިއީ އެމެރިކާގެ ހައްދުފަހަނަޅާފައިވާ ނަސާރާ ޓެރަރިސްޓް ޖަމާއަތަކުން ދިން ޙަމަލާއެއްކަމަށް ބައެއް ފަރާތްތަކުން ރިޕޯޓް ކުރަމުންދާ ކަމުގައެވެ. ނަމަވެސް މިއީ މިފަދަ ޖަމާއަތްތަކުގެ ޙަމަލާއެއްކަން ނުވަތަ ނޫންކަން އަދި ބުނަން ނޭންގޭ ކަމަށް ފުލުހުން ބުނެއެވެ.

ވޭތުވެދިޔަ ދެތިން ދުވަހު އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ބަޔަކު ގަސްދުގައި އަލިފާނުގެ ޙާދިސާތައް ހިންގައި ގިނަޢަދަދެއްގެ ކާރާއި ގެދޮރުގައިވެސް ހުޅުޖަހާފައިވާ ކަމަށާއި މިހުރިހާ މައްސަލަތަކެއް ބަލައި ތަޙްޤީޤްކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ. -- ނޫސްއެޖެންސީތައް