މ. ބުރުޒުމަގު، ލާމިގަސްދޮށުގޭގައި ހުންނަ "ވިސްޓާ" ގުދަން ރޭ ފަޅާލައި 15،000ރ. އާ އެކު ތިޖޫރީ ވަގަށް ގެންގޮސްފި އެވެ.

ވިސްޓާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އޮފިޝަލަކު މިއަދު ވިދާޅުވީ ގުދަން ފަޅާލައި ތިޖޫރީ ވަގަށް ގެންދިޔަކަން އެނގުނީ ހެނދުނު ގުދަން ހުޅުވަން ދިއުމުން ކަމަށާއި ތިޖޫރީ ވަގަށް ނެގި އިރު އޭގެ ތެރޭގައި ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި 15،000ރ.ގެ އިތުރުން ކުންފުނީގެ ބައެއް ބިލުތަކާއި މޮބައިލް ފޯނެއް ވެސް ގެންދިޔަ ކަމަށެވެ.

އެ ގުދަނުން އިތުރު އެއްޗެއް ވަގަށް ނަގާފައިވާ ކަމަށް އަދި ފާހަގަ ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ހެދުނު ގުދަން ހުޅުވަން ދިޔަ އިރު ފަޅާލައިގެން ތިޖޫރީ ވަގަށް ގެންގޮސްފައި ހުރީ. އޭގައި ހުންނާނީ ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާތަކެއް،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުދަން ފަޅައިލި އިރު ބޭރު ދޮރުގައި އަޅުވާފައި ހުންނާނީ ތަޅުދަނޑި ޑުޕްލިކޭޓް ނުކުރެވޭ ވައްތަރުގެ ބޮޑު ދެ ތަޅު ކަމަށާއި ނަމަވެސް ހެދުނު ގުދަން ހުޅުވަން ދިޔަ އިރު ތަޅުތައް ނެތް ކަމަށެވެ. އަދި ވިދާޅުވީ ގުދަނުގެ އެތެރޭގައި ހުން އޮފީސް ބައިގެ ދޮރު ވެސް މަތާލައިގެން ހުޅުވާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ.

"ގުދަނުގެ ބޭރު ދޮރުގައި އަޅުވާފައި ހުރި ދެ ޕެޑްލޮކުން ކުރެ އެއްމެ ލޮކެއް ވެސް ނެތް ފެންނާކަށް. އެތެރޭގެ ދޮރު ވެސް މަތާލައިގެން ހުޅުވާފައި ހުރީ،" އޮފިޝަލު ވިދާޅުވި އެވެ.

ފުލުސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.