30 Jun 2020, 12:50
ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއަށްދާއިރު، ގާތުގައި އިތުރު މެމްބަރަކު އިށީނދެވަޑައިގެން ނެތް ނަމަ، މާސް ނާޅުއްވައި މެމްބަރުން ވާހަކަދެއްކުމަކުން މައްސަލައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް، ހެލްތު ޕްރޮޓެކްޝަންގެ އިރުޝާދާއެކު، މާސްކް އަޅައި ދުރުދުރުގައި މެމްބަރުން ތިއްބަވައިގެން ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާން ފެށީ މޭ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޖަލްސާތައް ބާއްވަމުން ދިޔައީ ވާޗުއަލް ކޮށެވެ.
ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް ޖަލްސާތައް ފެށުމާއެކު، މާސްކް އަޅައިގެން ވާހަކަދައްކަވަމުން ބައެއް މެމްބަރުންނަށް ދަތިވެ، އެކަން ފާހަގަވެސް ކުރެއްވިއެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުންނަށް މާސްކް ނާޅާ ވާހަކަދެއްކެވިދާނެ ކަމަށް އިރުޝާދު ލިބިވަޑައިގެންފައިވާ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިރުޝާދު ލިބިވަޑައިގެންނެވީ ކޮން ފަރާތަކުން ކަމެއް ވިދާޅެއް ނުވެއެވެ.
މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އެޅުމުގެ މައްސަލައަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލެއްވުމުގެ ކުރިން ރިޔާސަތުން ވިދާޅުވީ ގާތުގައި މެމްބަރަކު ނެތް ނަމަ، މާސްކް ނާޅުއްވައި މެމްބަރުންނަށް ވާހަކަދެއްކެވިދާނެ ކަމަށެވެ.
"އަޅުގަނޑަށް އެންމެ ފަހުން، އިރުޝާދު ލިބިފައި އޮތް ގޮތުގައި، ހުޅުމާލެ ދާއިރާގެ މެމްބަރު ވެސް ގޮނޑިން ދުރަށް ޖެހިވަޑައިގެންފައި، ކެލާ ދާއިރާގެ މެމްބަރު ވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު ދުރަށް ޖެހިވަޑައިގެންފި ނަމަ، މެދުހެންވޭރު ދާއިރާގެ މެމްބަރު މާސްކް އަޅުއްވައިގެން ވާހަކަދައްކަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ އިރުޝާދާއެކު، މާސްކް ނާޅުއްވައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމެވެ. އެއަށްފަހު ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވެސް ވަނީ މާސްކް ނާޅުއްވައި ވާހަކަދައްކަވައިފައެވެ.
ނަމަވެސް ގިނަ މެމްބަރުން މިއަދުގެ ޖަލްސާގައި ވެސް ވާހަކަދެއްކެވީ މާސްކް އަޅުއްވައިގެންނެވެ.
މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.