30 Jun 2020, 11:27
ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތަކުގެ ބޭރުން، މަޖިލީހަށް ލިބިފައި ނުވާ ބާރުތަކުގެ ތެރެއަށް ވަންނަމުން ދާކަމަށް ދެކެވޭ ވާހަކަތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ މަޖިލީހަށް ލިބިދީފައިިވާ ބާރުގެ ބޭރުން ކަންކަން ކުރަމުން އަންނަކަމަށް ތުހުމަތު ކުރަމުންނެވެ. އަދި މިއަދު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ އެފަދައިން ތުހުމަތު ކުރައްވައިިފަ އެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމަންޓުން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެ އިދާރާއާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ އެއީ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މަޖިލިސް އަކީ މިހާރު ޝަރީއަތް ކުރާތަނަކަށް ވެފައިވާކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"މިތަން ވެއްޖެ މިހާރު ޝަރީއަތް ކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާ ތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލުހިފަން މަސައްކަތް ކުރާ ތަނަކަށް،" ޝަރީފް ވިދާޅުވި އެވެ.
މެންބަރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ރިޔާސަތުން ވަނީ މެމްބަރު ހުއްޓުވައިފަ އެވެ. މެމްބަރުގެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަކީ މަޖިލީހުގެ ގަވާއިދާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ގަރާރުތައް ކަމަށެވެ.
"މީ މަސް ކައްކާތަނެއް ވެސް ނޫން. މީ އެހެން އިތުރު ކަމެއް ވެސް ކުރާތަނެއް ނޫން. މީ ދިވެހިރާއްޖޭގައި ގާނޫނު ހަދާ ތަން. މީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާވެސް ޖަވާބުދާރީކުރުވާތަން. ރާއްޖޭގެ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މި ގެގައި ކުރާ ކަންތައް ބަޔާންކޮށްފައި ވާނެ. މިތަނަށް ހުށަހެޅޭ މައްސަލަތަކައި މިތަނަށް ހުށަހެޅޭ ގަރާރުތަކަކީ މިތަނުގެ ގަވާއިިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން." މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނެތް ބާރުތަކެއް ބޭނުންކުރާ ކަމަށް ބުނެ ފާޑުކިޔުން އިތުރުވާން ފަށާފައި ވަނީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަގައި އެ އަންހެން މީހާއާ ވާހަކަ ދެއްކުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންމެ ޖެންޑާ ކޮމިޓީން ފާސްކޮށްފައިވާތީ އެވެ.
ބައެއް މަޖިލިސް މެމްބަރުން ވެސް ބުނަމުން އަންނަނީ މިހާރު ގާނޫނު ހަދާ ތަނަކަށް ވުރެ، ތަހުގީގީ އިދާރާއަކަށް މަޖިލިސް ބަދަލުވަމުން އަންނަ ކަމަށެވެ.