ވެރިރަށް މާލޭގެ އެންމެ ކާރޫ ބާރު ބޮޑު، މަޖީދީމަގުގައި ހަތަރު ފޮރޮޅުލީ އެއްވެސް ވެހިކަލެއް ޕާކް ނުކުރެވޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ކައުންސިލުން ނިންމާފައި ވަނީ ހެނދުނު 9:00 ން ފެށިގެން ރޭގަނޑު 11:00 އަށް އެފަދަ އުޅަނދުތަކަށް މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތަށެވެ.

ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަލާހު މިއަދު ވިދާޅުވީ އެ ގަޑިތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު މަޖީދީމަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަމަޖައްސަނީ އެ ވަގުތު ތަކަކީ އެމަގުގައި އެންމެ ކާރޫބާރު ބޮޑު ވަގުތުތަކަށް ވާތީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމުން މަގު ބުލޮކްވެ، ހިނގާ ބިނގާވާ މީހުންނާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުނަށް ދައްޗާ ކުރިމަތިވާތީ ކަމަށެވެ.

"މަޖީދީ މަގަކީ ދެކޮޅަށް ދުއްވާ މަގަކަށް ވުމުން ހަތަރު ފުރޮޅުލީ ދުއްވާ ތަކެތި ޕާކްކުރުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ. އެހެންވީމަ ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެކަން ކުރަން ނަމަވެސް އެކަމާބެހޭ ގަވައިދު ގެޒެޓް ނުކުރެވޭތީ ލަސްކޮށްލީ،" ފަލާހު ވިދާޅުވި އެވެ.

Mohammed Falaah (mp3)

އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށާއި މަޖީދީ މަގުގައި ޕާކު ނުކުރެވޭ ވަގުތު ތަކުގައި އެމަގާ ގުޅިގެން ހުރި ހުރަސް މަގުތަކުގައި ވެހިކަލް ޕާކްކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ރޭގަނޑު 11:00 ގެ ފަހުން މަޖީދީމަގުގައި ޕާކް ކުރިއަސް. ނަމަވެސް ހެދުނު 9:00 ގެ ކުރިން ޖެހޭނެ ވެހިކަލްތައް ނަގަން،"

ފަލާހު ވިދާޅުވީ ސިޓީ ކައުންސިލުން މިހާރު ވެސް މާލޭގެ އެކި ސަރަހައްދުގެ މަގުތަކުގައި ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލިލީމަގުގެ ބައެއް ސަރަހައްދު ތަކުގައި ޕާކިން އޭރިޔާ ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރާ ކަމަށެވެ.