ޖިންސީ ގޯނާގެ މައްސަލަތައް ބްރޯޑްކާސްޓަރުން ރިޕޯޓުކުރާ އިރު، ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭ ގޮތުން ފަތުރަމުންދާ ހަބަރުތަކާއި މައުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތާކާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހައްގުތަކާއި އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ، މި ފަދަ ހާދިސާތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ހާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމައުއަށް ކުރާނޭކަމެއް ކަމަށެވެ.

އެހެން ކަމުން ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރާއިރު، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރަމަށް ބްރޯޑްކޮމް އިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި ހަބަރުތައް އާންމު ކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިން އިލްތިމާސް ކުރި އެވެ.

"ޖިންސީ ގޯނާގެ ހާދިސާތަކާ ގުޅޭ ގޮތުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުމަށާއި ހާދިސާ ހިނގައި ދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް [ނުކުރުމަށް]،" ބްރޯޑްކޮމް އިން އިލްތިމާސް ކުރިއެވެ.

ބްރޯޑްކޮމް އިން މިގޮތަށް ބަޔާން ނެރެެފައި މި ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ބައެއް މީޑިއާތަކުން އޭނަގެ ފޮޓޯ އާއި އިންޓަވިއު ޝާއިރުކޮށްފައި ވަނިކޮށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުުން ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނީ އެމީހުން ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންނާ މުއައްސަސާތަކަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.