މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ ހޮނިހިރު ދުވަހު ފެށަން ނިންމާފައިވާ ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓީމްގެ މެނޭޖަރު ސަތޯ ބުނީ، މިފަހަރުގެ ސީޒަނަށް ވީބީ ކުރިމަތިލާއިރު ޓީމްގެ ފަރިތަކުރުންތައް ފަށަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ޓީމުގެ ކޯޗް ވަންލީ އަންނަ ބުރާސްފަތި ދުވަހު މާލެ އަންނާނެ ކަމަށް ވެސް ސަތޯ ބުންޏެވެ.

"މިބަލަނީ ހަތް ވަނަ ދުވަހު ޓީމުގެ ފަރިތަކުރުންތައް ފެށޭތޯ. ކޯޗް ވެސް މިމަހުގެ ފަސް ވަނަ ދުވަހު މާލެއަންނަން ބުނެފަ ވާނީ." ސަތޯ ބުންޏެވެ.

ސަތޯ ބުނީ، ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ނިންމާފައި ވާއިރު، ހަމަ އެދުވަހު ޓީމުގެ އިންތިހާބީ ޖަލްސާ ވެސް ބާއްވަންނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެއަހަރަށް ވީބީ ގެ އިންތިހާބީ ޖަލްސާ ބޭއްވުމަށް ނިންމާފައިވާކަމަށް ބުނެ، އެކުލަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުލަބްގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ފަހު ބާއްވާ އެ ކޮމެޓީގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ކްލަބުގެ އެކި މަގާމުތަކަށް ކޮމެޓީގެ މެމްބަރުން ހަމަޖައްސާނެ ކަމަށެވެ.

އެގޮތުން ޗެއާމަންގެ މަގާމާއި ރައީސާއި ނައިބު ރައީސާއި ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ)ގެ މަގާމާއި ޓްރެޒަރާ އާއި ޑިރެކްޓަރު، މީޑިއާ ރިލޭޝަންގެ މަގާމާއި ޖެނެރަލް ސެކްރެޓަރީ އަދި ޑިރެކްޓަރުންގެ ހަތަރު މަގާމެއް ހަމަޖައްސާނެ އެވެ. އަދި ހިންގާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާން ބޭނުންވާ ހާއްސަ މެމްބަރުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ލިއުމަކުން ކްލަބަށް އެކަން އެންގުމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.