މިދިޔަ އަހަރު މާޒިޔާއަށް ކުޅުނު އެ ޓީމްގެ ފޯވާޑް އަލީ ނާފިއު (ކަޅޭ) އާއި ނިއު ރޭޑިއަންޓަށް ކުޅުނު މިޑްފީލްޑަރު އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ) ވީބީއަށް ބަދަލުވެއްޖެ އެވެ.

މިއަހަރުގެ ސީޒަން ފެށެންވާއިރަށް ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ހުޅުވިފައިވާއިރު ވީބީއަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. އެހެން ނަމަވެސް މިއަހަރުގެ ސީޒަނަށް ވީބީ ކުރިމަތި ލާއިރު، އެޓީމަށް ލިބުނު އެއް ގެއްލުމަކީ މިދިޔަ އަހަރު ވީބީއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ޓީމް ދޫކޮށްލުމަށްފަހު، ކުރިއަށް އޮތް ސީޒަނަށް ނިއު ރޭޑިއަންޓަށް ކުޅުމަށް އެއްބަސްވެ، ސޮއިކުރުމެވެ.

ކަޅޭ އާއި ކުޑަތޮއްޑޫ ވީބީއަށް ބަދަލުވެފައިވާކަމަށް އެ ޓީމުގެ އޮފިޝަލަކު މިއަދު ސަންއަށް ކަށަވަރު ކޮށްދީފައި ވާއިރު، ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، އަލަށް ގުޅުނު ކުޅުންތެރިންގެ ސައްހަ މައުލޫމާތު މީޑިޔާތަކަށް ހާމަކުރާނީ މިމަހު ބާއްވާ ޓީމުގެ އިންތިހާބީ ޖަލްސާއަށް ފަހު ކަމަށެވެ.

ސަތޯ ބުނީ، މިފަހަރުގެ ސީޒަނަށް ކުރިމަތި ލާއިރު ވީބީ އިންވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މިދިޔަ އަހަރު ވީބީއަށް ކުޅުނު އެޓީމްގެ ފޯވާޑް އަލީ އުމަރު، ނިއުއަށް ކުޅުމަށް ބަދަލުވިއިރު، ވީބީގެ މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސޭ) ވަނީ ޓީމުގައި މަޑުކުރުމަށް އެއްބަސްވެ، ޓީމުގެ ކޮންޓްރެކްޓް އާކޮށްފައެވެ. އަދި މިދިޔަ އަހަރު ވިކްޓަރީއަށް ކުޅުނު (ދަނގަޑޭ)ގެ ބޭބޭ މިފަހަރު ވީބީއަށް ކުޅުމަށް ސޮއިކުރިއިރު، ނިއުގެ ޖަމްބޭ ވެސް ވަނި ވީބީއަށް ކުޅުމަށް އެއްބަސްވެފަ އެވެ.

މިއަހަރުގެ ސީޒަން ފެށެންވާއިރަށް ކުޅުންތެރިން ހޯދުމުގެ އެންމެ ކުރީގައި މިވަގުތު އުޅޭ ދެ ކުލަބަކީ މިދިޔަ އަހަރުގެ ސީޒަންގައި ވެސް އެންމެ ވާދަވެރި ދެ ކުލަބުކަމުގައިވާ ވިކްޓަރީ އާއި ނިއުރޭޑިއަންޓެވެ.

ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރުގެ އެންމެ ފަހުގެ ހަބަރުތަށް ލިބޭގޮތުން މިދިޔަ އަހަރު ކްލަބު ވެލެންސިއާ އަށް ކުޅުނު ފޯވަޑް އަސަދުﷲ އަބްދުﷲ ވަނީ މާޒިޔާ އަށް ބަދަލުވެފައެވެ.