10:00


އަލަށް ހަދާ މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓަކީ، ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާފަދަ އެންމެ ޒަމާނީ، އަދި 21 ވަނަ ޤަރުނަށް ފެތޭ އެއަރޕޯޓަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލޭ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް ހިންގުން މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ. ގްރޫޕާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެފަރާތާއެކު ސަރުކާރުން ހޯމަ ސޮއި ކުރެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލަށް މި ހެދޭ އެއަރޕޯޓުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެ، ފަތުރުވެރިންނަށް ފޯރުވައިދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޓޫރިޒަމް އިތުރަށް ފުޅާވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.


މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ. ގްރޫޕާ އެއަރޕޯޓު ތަރައްޤީކޮށް ހިންގުން ހަވާލުކުރައްވާފައިވަނީ ވާރލްޑް ބޭންކްގެ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެއްލެވުމާއި ލަފާގެ މަތިން ކުރިއަށް ގެންދެވުނު ބައިނަލްއަޤްވާމީ ޓެންޑަރެއްގައި ވާދަކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއިން ޖުމްލަ 59 އެއަރޕޯޓެއް ހިންގަ އެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓުކަމުގައި އޭވިއޭޝަން އިންޑަސްޓްރީގެ މާހިރުން ބަލައިގެންފައިވާ މެލޭޝިޔާގެ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިމެނެ އެވެ.


މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ.އިން އެއަރޕޯޓް ތަރައްޤީ ކުރުމަށް 400 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފަ އެވެ. އަދި މި އެއަރޕޯޓް ތަރައްޤީކޮށް 2014 ވަނަ އަހަރު ނިންމުމަށް ވެސް ވަނީ އެއްބަސްވުމުގެ ދަށުން ހަމަޖެހިފަ އެވެ.