29 Jun 2020, 15:18
ކާރިސާއެއްގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި މަތީ މަރުހަލާގު ކޯޓުތަކުގައި މައްސަލަ އިސްތިއުނާފު ކުރަން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިިލު ކޮމިޓީއިން ދިރާސާކޮށް ނިންމާފައިވާއިރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ ބިލަކީ ކާރިސާގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި ޝަރުއީ ދާއިރާއިން އަމަލުކުރާނެ ގޮތް އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ ބިލެކެވެ. އެގޮތުން އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރެވޭނެ ގޮތްތަކާއި އަދި އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީއިން ފާސްކުރި ކުރި އިރު ބުނެފައިވަނީ ގާނޫނުއަސާސީއިން ނުވަތަ ގާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް އިއުލާނުކޮށްފައިވާ ހާލަތުގައި ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރި ނަމަ އެ ބިލުގައި ބުނެފައިވާގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ބިލުގައި ބުނެފައިވަނީ ކާރިސާގެ ހާލަތުގައި ގާނޫނު ބުނާ މުއްދަތުގައި މައްސަލައެއް ތަހުގީގުކުރުމަށާއި ދައުވާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ހުރިނަމް ޕްރޮސެކިއުޓަ ޖެނެރަލަށް އެމައްސަލައެއް ތަހުގީގު ކުރުމަށް އިތުރު 60 ދުވަސް ދޭން ނިންމިދާނެ ކަމަށެވެ. އާންމު ހާލަތުގައި މައްސަލައެއް ތަހުގީގު ކުރަން ލިބޭނީ 30 ދުވަހެވެ.
އަދި ކާރިސާގެ ހާލަތުގައި މައްސަލައިގެ ހުކުމް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އާންމު ހާލަތުގައި އިސްތިއުނާފު މުއްދަތަކީ 10 ދުވަހެވެ.
އޭގެ އިތުރުން އާންމުހާލަތުގައި ބައެއް ކުށްތަކުގައި ދައުވާ އުފުލަން އަދި ކޯޓުން ހުކުމް ކުރަން ދީފައިވާ މުއްދަތު ކާރިސާގެ ހަލާތާ ގުޅިގެން ބަދަލު ގެންނަ ގޮތަށް ކޮމިޓީއިން ބިލު ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށަށް ގާނޫނުގައި 30 ދުވަސް ދީފައިވީ ނަމަވެސް ކާރިސާގެ ހާލަތުގެ އެ މުއްދަތު 60 ދުވަހަށް އިތުރު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެމައްސަލަތައް އިސްތިއުނާފު ކުރުމަށް 30 ދުވަސް ދޭންވެސް ކޮމިޓީއިން ވަނީ ނިންމާފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވަނީ އެ ގާނޫނުގެ ދަށުން މައްސަލައެއްގައި މީހަކު ބަންދުކޮށް ކޯޓަށް ހާޒިރުކުރާތާ 45 ދުވަހުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމަން ޖެހޭނެ ކަމަށެވެ. އަދި 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެއެވެ. ނަމަވެސް ކުއްލި ނުރައްކާ އަދި ކާރިސާގެ ހާލަތުގައި ތަހުގީގަށް 60 ދުވަސް އަދި ދައުވާ އުފުލުމަށް 45 ދުވަސް ދޭން ކޮމިޓީއިން ވަނީ ނިންމާފަ އެވެ.
ބިލުގައި ބުނެފައިވަނީ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތްތައް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ބަޔާން ކުރަންވާނެ ކަމަށެވެ. އެ ގަވާއިދު އެއް މަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހަދަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ހާއްސަ ހާލަތްތަކުގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ފަނޑިޔާރަށް ބާރުލިބުނު ނަމަވެސް ވަކި ހާލަތްތަކެއްގައި އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އެކަމަށް އިއުތިރާޒު ކުރާނަމަ އަދި ސިކުނޑީގެ ބައްޔެއް ނުވަތަ ނުކުޅެދުންތެރި ކަމެއް ނުވަތަ ނަފްސާނީ ބައްޔެއް ހުރި ފަރާތަކަށް ވާނަމަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު އެ ބިލު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމަ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.