02 Jan 2012, 14:30
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އައުމާއި ގުޅިގެން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ބަލަމުން އައި މަސްތުވާތަކެތީގެ މައްސަލަތައް މިއަދުން ފެށިގެން ނުބަލާ ގޮތަށް އެ ދެ ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން ކޯޓުން ބަލަމުން ގެންދިޔަ މަސްތުވާ ތަކެތީގެ ހުރިހާ މައްސަލަތައް ވަކިމުއްދަތެއް ނެތްގޮތަށް ބެލުން ހުއްޓާލާފައިވާ ކަމަށެވެ.
ޖުވެނައިލް ކޯޓުން ވެސް ބުނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އައުމާއި ގުޅިގެން މިއަދުން ފެށިގެން އެ ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތައް ނުބަލާގޮތަށް ނިންމާފައިވާ ކަމަށެވެ.
އަލަށް ތަސްދީގު ކުރި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބުނަނީ އެ ގާނޫނު ވުޖޫދަށް އައުމާ ގުޅިގެން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތައް ފިޔަވައި މަސްތުވާތަކެއްޗާއި ބެހޭ އެހެން މައްސަލަތައް ބަލާނީ އެ ގާނޫނުގެ ދަށުން އުފައްދާ ޑްރަގް ކޯޓުން ކަމަށެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން ޑްރަގް ކޯޓުގެ އިޚުތިސޯސާއި ގުޅޭ މައްސަލަތަކަކީ ކޮބައިކަން އެ ދެ ކޯޓުގެ ފަނޑިޔާރުންނާއި ޑްރަގް ކޯޓުގެ ފަނޑިޔާރުން އަދި ޕްރޮސެކިއުޓާ ޖެނެރަލް ގުޅިގެން ކަނޑައަޅައި އެ މައްސަލަތައް ޑްރަގް ކޯޓަށް ބަދަލު ކުރަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނު ބުނެ އެވެ.
ގާނޫނު އައި ނަމަވެސް ޑްރަގް ކޯޓް އަދި އުފައްދާފައެއް ނުވެއެވެ. ކްރިމިނަލް ކޯޓްގައި ބަލާ މައްސަލަތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެ ޝަރީއަތްތަކުގެ ތާވަލުގައި ހިމެނޭ ގިނަ މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.