29 Jun 2020, 14:10
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ބުރާސްފަތި ދުވަހުގެ ރޭ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުން ހަމަ އެކަނި ފުލުހުންގެ ބޮލަށް 'ކަނޑާލައިގެން' ނިންމާލެވެން ނެތް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން 39 އަހަރުގެ ދެ މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭގަ އެވެ. އަދި ޖެހިގެން އައި ދުވަހު ފުލުހުން ބުނެފައި ވަނީ އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އޭރު ފުލުހުން ބުނެފައި ވަނީ، އެ ދެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބޭތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލީ ކަމަށެވެ.
އެ މައްސަލަ ހޫނުވެގެން ގޮސްފައި ވަނީ، އެ ދެ މީހުންނަކީ ސިޔާސީ ގޮތުން ބާރުގަދަ ދެ މީހުނަށް ވުމުން ދޫކޮށްލަން 'އޯޑަރު' އައީ ކަމަށް ތުހުމަތުކޮށް ދެކެވެން ފެށި ވާހަކަތަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، އެއީ ހަމައެކަނި ފުލުހުންނާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި މުޅި މުޖުތަމައުއާ އެ މައްސަލަ ގުޅިފައިވާ ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް ފުލުހުންގެ ބޮލަށް ކަނޑާލައިގެން ނިންމެން އޮތް ކަމެއް ނޫން. ތެދުފުޅެއް ކަންކަން ތަހުގީގުކޮށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ފުލުހުންގެ ވާޖިބެއް،" ޝަރީފް ވިދާޅުވި އެވެ.
ފުލުހުން އެ މައްސަލަ ބަލަމުންދާކަން ރައްޔިތުންނަށް އެނގޭ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ތަހުގީގު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، އެ ހާދިސާގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ހުރި ވާހަކަތަކުގެ ތެދު ދޮގު މިން މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށެވެ.
"އަންހެނުންނަށް ކުރާ ޖިންސޯ ގޯނާ އާއި ފުރައްސާރައިގެ ވާހަކައަކީ ކެނޑިނޭޅި އަޅުގަނޑުމެން ދައްކަމުންދާ ވާހަކައެއް. އެހެންވީމަ އެކަމަށް ހައްލު ހޯދަން އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެއަކީ ސަރުކާރަކުން ހަމައެކަނި ފުލުހުންގެ އިދާރާއިން ވާނެ ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހާއި އާންމުން ވެސް އެކަމަށް ހޭލުންތެރިވާން އެބަޖެހޭ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، އެ ބިދޭސީ އަންހެން ކުއްޖާ، މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާ އެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު، ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.
އަދި އެދުވަހު ހެނދުނު އަންހެން މީހާ ޑޮކްޓަރަށް ދެއްކި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.