ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް، ނައިބު ރައީސް އަދި އިތުރު ދެ މެމްބަރަކު ހިމެނޭ ގޮތަށް ހަތަރު މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ކޮމިޓީއިން ވަކިކުރަން ނިންމި ހަތަރު މެމްބަރުންނަކީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ނައިބު ރައީސް ޝަހީދު މުހައްމަދު އާއި މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. ހަތަރު މެމްބަރުން ވަކިކުރަން ވެސް ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. މިއަދު ނިންމާފައި ވަނީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.