29 Jun 2020, 11:01
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫވީ ރައްޔިތުންްގެ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ކަމުގައި ރައްޔިތުންް އެއްގޮތަކަށް ވެސް ނުދެކުމަށް، ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.
އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެ ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވާއިރު، އެކަމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަފާރީ ބޯޓުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ދޫކޮށްލެވުނީ އޭނާއަކީ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލެއް ކަމަށް ވާތީ ކަމަށް އެ މެމްބަރުގެ ސިޔާސީ ޕާޓީއާއި ވާދަވެރި ޕާޓީތަކުގެ މެމްބަރުން ފާހަގަކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ދޫކޮށްލީ، އޭރު ތަހުގީގު ކުރެވެން އޮތް މިންވަރަށް ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.
"ދެން މީގާ އޭނާ ހައްޔަރުގައި ބެހެއްޓުން އެއީ މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް ހައްޔަރުގައި ނެތުން ކަމަށް އެއްގޮތަކަަށް ވެސް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފުލުހުން ކުރާ އެއްވެސް ތަހުގީގަކަށް، ވަކިން ހާއްސަކޮށް ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މަޖިލީހުގެ މެމްބަރަކު އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ނުވަތަ ކަމަކާ ހަވާލުވެ ހުރި މީހަކަށް އިރުޝާދެއް ނުވަތަ ލަފައެއް ދިނުމަށް ނުވަތަ މައުލޫމާތެއް ހޯދުމަށް ވެސް ފޯނުކޮށް ހެއްދެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
"އެއީ މި މަޖިލީހުން އެއްގޮތަކަށް ވެސް ހަމަކަށަވަރުން ވެސް ރިޔާސަތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.
އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އެއީ ދެމިގެން ދިޔަ ކުށުގެ ވެއްޓެއް ކަމަށް ވާތީ ކަމަށާއި ނަމަވެސް ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ވެސް ފުލުހުން ބުނެފައިިވެ އެވެ.
މިފަދަ ސީރިއަސް މައްސަލަތަކުގައި މީގެ ކުރިން ފުލުހުން ކޯޓަށް ހާޒިރުކޮށް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދެއެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން ކަންކޮށްފައިވަނީ އެއާ ހިލާފަށެވެ.
މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.