29 Jun 2020, 08:06
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަން ފަހަނައަޅާ ގޮސްފައިވާކަމަށް އެމެރިކާގެ ޖޯން ހޮޕްކިން ޔުނިވާސިޓީއިން ބުނެފި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވޫހާންއިން ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެއަށް ކަހަލަ ގޮތަށް ފެތުރި މިހާރު ވަނީ 500،000 އެއްހާ މީހުން މަރުވެސް ވެފަ އެވެ. ޗައިނާގައި ބަލި ކޮންޓްރޯލްވިޔަސް ދެވަނަ ރާޅެއް ވެރިރަށް ބެއިޖިންއަށް އެރުމާ ގުޅިގެން މިހާރު އެ ސިޓީ ފުރަބަންދުކޮށްފަ އެވެ.
އެ ބަލި ޖެހުނު ދެބައިކުޅައެއްބައި މީހުންނަކީ އެމެރިކާ އަދި ޔޫރަޕްގެ މީހުންނެވެ. އަދި މިހާރު ބަލި ދަނީ އެމެރިކާގެ ބައްރުގައި ވަރަށް ބޮޑަށް ފެތުރެމުންނެވެ. އަދި ދެކުނު އޭޝިއާ އަދި އެފްރިކާގައި އެބަލި އަންނަ މަހު "ޕީކް" އަށް އަރާނެކަމަށް ވަނީ ބެލެވިފަ އެވެ.
ކޮރޯނާއަށް ހުއްޓުމެއް ނާންނައިރު ފާއިތުވި ހަ ދުވަހު އެކަނިވެސް މުޅި ދުނިޔެއިން އެއް މިލިއަން މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.
ބަލި އެންމެ ގިނައިން ފެނުނު އެެމެރިކާގައި މިހާތަނަށް 2.5 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ކޮވިޑްގައި 125،000 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
އެމެރިކާގައި ފުރަބަންދު އުވާލިފަހުން ދެކުނުގެ ސްޓޭޓްތަކުގައި ބަލި ފެތުރޭ މިންވަރު ވަނީ އަނެއްކާވެސް މައްޗަށް ގޮސްފަ އެވެ.
އެމެރިކާއަށް ފަހު ދެން އެންމެ ގިނައިން ކޮވިޑް ފެނިފައިވަނީ ބްރެޒިލްއިންއެވެ. އެގައުމުގެ 1.3 މިލިއަން މީހުންނަށް ބަލި ޖެހި 57،000 މީހުން ވަނީ މަރުވެފަ އެވެ.
ބްރެޒިލްގައި ކޭސްތައް އިތުރުނަމަވެސް އަންނަ މަހު 10 އިން ފެށިގެން އެގައުމުގެ ރިއޯ ޑެ ޖެނޭއިރޯގެ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކުރިއަށްވުރެ ތިން ގުނަ މަދުން މީހުންނަށް ވަދެވޭގޮތަށެވެެ. -- ބީބީސީ