29 Jun 2020, 00:11
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑްރިންގެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓްސްގެ މައްޗަށް ކުރާ ތުހުމަތުތައް އެ ދެ ކުންފުނިން ދޮގުކޮށްފި އެވެ.
މަނީ ލޯންޑަ ކުރުމާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ)ގެ ދަށުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކްރިކް ރިޒާ (ކުރިކީލަ ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑާ ކުރި މައްސަލައިގެ ތުހުމަތުގަ އެވެ.
އެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ އިރު އެކަމާ ގުޅިގެން އެ ދެ ކުންފުނިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، އެ ކުންފުނިތަކުން ލޯންޑާކޮށް ދިން ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި އެއްޗެއް ހޯދައި ބަދަލުކުރިކަމެއް އެ ކުންފުނިތަކަށް އެއްވެސް ވަރަކަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ވެސް އެ ދެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ބުނީ، އެ ކުންފުނިތަކުން ފައިސާގެ މުއާމަލާތްތައް ހިންގަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ސައްހަ ގޮތުގައި ކަމަށެވެ.
"މަނީ ލޯންޑްރިންގްގެ ކުށެއް ކުރިކަމަށް ބުނެ މިކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަމެވެ. މިކުންފުނީގެ އެންމެހާ މުޢާމަލާތްތައް އަބަދު ވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިންގް ނިޒާމުގެ ތެރެއިން، ޤާނޫނުތަކާ ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ދިވެހިރާއްޖޭގެ ބޭންކިންގް ނިޒާމުގެ ތެރެއިން އޭގެ ޞައްޙަކަން ކަށަވަރުކުރެވިގެން ނޫނީ ބޮޑެތި ފައިސާގެ ޢަދަދުތައް ހިމެނޭ މުޢާމަލާތެއް ކުރުމަކީ އަޅުގަނޑުމެން ޢަމަލުކުރަމުންދާ ގޮތެއް ނޫނެވެ. މިކުންފުންޏަކީ ޖިނާއީ ކުށެއްގައި ޝާމިލުވެ އުޅެފައިވާ ފަރާތެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ،" އެ ދެ ކުންފުނިން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ހިނގާތާ އެތައް އަހަރެއް ފަހުން މައްސަލާގައި ބައިވެރިވި ކަމަށް މުޖުތަމައުގެ އެންމެން ދަންނަ ފަރާތްތައް ދޫކޮށް، އެ ދެ ކުންފުންޏާ ދިމާއަށް ތަހުގީގު އަމާޒުހިފާފައިވުމަކީ ބޮޑު ހިޔާނާތުގެ ތަހުގީގުގެ މިސްރާބު ކަސިޔާރުވެފައިވާކަން ދައްކައިދޭ ކަމެއްކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި ބުނީ، އެ ކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ތަހުގީގުގަށް ހޯދިފައި ނުވާނެކަމާއި، އެފަދަ ހެއްކެއް ޝަރީއަތަށް ހުށަނޭޅޭނެކަމީ ޝައްކު ހިނގާކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތަކާއި ދައުވާތައް، ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާހޯދި ފަރާތްތަކުގެ ކިބައިން މާ ބޮޑުތަނުން ދުރަށް ފުރޮޅާލެވިގެންދާކަމީ މިކުންފުނިން އިންތިހާއަށް ހިތާމަކުރާކަމެއްކަމުގައި ވެސް ދެންނެވީމެވެ،" ކުންފުނީގެ ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން، ރިޒާގެ މައްޗަށް ވެސް ވަނީ، ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ. އޭގެ އިތުރުން ގާނޫނުލްއުގޫބަތުގެ ދަށުން ރިޝްވަތު ދިނުމުގެ މެދުވެރިއަކަށް ވުމުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ.