28 Jun 2020, 23:52
އެއް އަހަރު ދުވަހަށް ރިސޯޓްތަކުގެ ކުއްޔާއި ބިންތަކުގެ ކުލި ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިއަދު ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް 2020 ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކުއްޔަށް ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރެއިން، 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރު ވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުއްޔާއި، ޖޫން 2020 އިން ޑިސެންބަރު 2020 އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކުރަން ވަނީ ނިންމައިފަ އެވެ.
ފިނޭންސްގެ ސާކިއުލާގައި ބުނެފައި ވަނީ ފަސްކޮށްދޭ ކުލި އަނބުރާ ދައްކަންވާނީ އެއް އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށާއި، މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރަށް ބަހާލައިގެން ކަމަށެވެ.
އެއީ ޖޫން 2021، ސެޕްޓެންބަރު 2021، ޑިސެންބަރު 2021 އަދި މާޗު 2022 ގައެވެ.
އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސް ދުވަހަށް ބަހައިލައިގެން ކަމަށެވެ.
ފިނޭންސް އިން ބުނީ ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ފަރާތަކުން ފައިސާ ދައްކައިފައިނުވުމަކުން ޖޫރިމަނާއެއް
ނުހިނގާނެ ކަމަށެވެ.
އަދި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި (1 ޖޫން 2021 އިން ފެށިގެން) އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފައިސާ ނުދައްކާނަމަ ކަމަށެވެ.
ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި ޒަކާތު ފަންޑު ފިޔަވައި، މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ
އެހެނިހެން އޮފީސްތަކާއި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން ނަގާ ކުއްޔެވެ.
ކުލި ދެއްކުމަށް ލުއި ދިނުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހުކުރަންޖެހޭނަމަ، އެ އިސްލާހުތައް ގެނައުމަށް ފިނޭންސް އިން ވަނީ އަންގައިފައެވެ.