02 Jan 2012, 14:11
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަމަށް ޝޭހު އިލްޔާސް ހުސެއިން އިންތިހާބު ކޮށްފި އެވެ.
އަދާލަތުގެ އަމީން އާންމު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ރައީސްކަމަށް އިލްޔާސް އިންތިހާބުކުރީ މިއަދު ބޭއްވި އިލްމުވެރިންގެ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އިލްޔާސް އިންތިހާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އިސްތިއުފާ ދެއްވުމުން ނެވެ.
އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެ މަޖިލީހުގެ ނައިބު ރައީސަކާއި ސެކްރެޓަރީގެ މަގާމަށް ވެސް ބޭފުޅުން މިއަދު އިންތިހާބު ކުރި އެވެ. ނާއިބު ރައީސަކަށް އިންތިހާބުކުރީ ޑރ. މުހައްމަދު އިޔާޒެވެ. ސެކްރެޓަރީ އަކަށް އިންތިހާބުކުރީ ޝޭހު އިއްޒައްދީން އަދުނާނެވެ.
އިލްމުވެރިންގެ މަޖިލހަށް އިންތިހާބުކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ. އިޔާޒު ވަނީ ޝަރީއާ އިން ޕީއެޗްޑީ ހައްދަވައިފަ އެވެ. ޝޭހު އިއްޒައްދީނަކީ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިފާ ބޭފުޅެކެވެ. ޝޭހު އިލްޔާސް އަކީ ޤުރުއާންގެ އިލްމުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ އިލްމުވެރި އަދި ވާހަކަ ދެއްކުންތެރިއެކެވެ.