28 Jun 2020, 22:07
މިއަދު ކޮވިޑް-19 އަށް އިތުރު 19 މީހަކު ޕޮޒިޓިވްވީއިރު އިތުރު 36 މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ޓްވީޓުކުރި ގޮތުގައި އިއްޔެ 18:00 ން މިރޭ 18:00 އާ ހަމަޔަށް ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ.
މިއާއިއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،3،24 އަށް އަރައިފަ އެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ:
07 ދިވެހިން
10 ބަންގްލަދޭޝް ރައްޔިތުން
02 އިންޑިޔާ ރައްޔިތުން
މިރޭ ބަލިން އިތުރު 36 މީހަކު ރަނގަޅުވިކަމަށް އެޗްޕީއޭއިން އިއުލާންކުރިއިރު މިއަދަދާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،911 އަށް އަރައިފަ އެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެވެމުން ދަނީ 400 މީހަކަށެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި 226 މީހަކު ތިބިއިރު 311 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.
ސިއްހީ ކަމާއިބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން މިހާތަނަށް 48،603 ސާމްޕަލް ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެ އެވެ.
ކޮވިޑާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ސިލްސިލާކޮށް ބާއްވަމުންދަ ނޫސް ކޮންފަރެންސް ވަނީ މިރޭ ކެންސަލްކޮށްފަ އެވެ.
އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 22 މީހެކެވެ. އަދި ހުކުރު ދުވަހު ވަނީ ހަ މީހަކު ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން ވަނީ އަށް މީހަކު ނިޔާވެފަ އެވެ. މިގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުން ހިމެނެ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. މާލެއިން ފުރަތަމަ ކޭސް ފެނިފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.
ދެ މަސް ދުވަހަށްފަހު މިހާރު މާލޭގެ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދެވިފައިވާއިރު ސަރުކާރުން ވަނީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާނެކަމަށްވެސް އިއުލާންކޮށްފަ އެވެ.