28 Jun 2020, 20:42
މިދިޔަ ހުކުރު ދުވަހުގެ ރޭ ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީޑިއާތަކުގައި ކަން ހިނގި ގޮތާ ހިލާފަށް ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައި ނުވާނެ ކަމަށް އަންހެން މީހާ ބުނި ކަމަށް ފުލުހުން ބުނެފިއެވެ.
މައްސަލައިގެ ކަން ހިނގި ގޮތް ކަމަށް ބުނެ، އަންހެން މީހާއާ ހަވާލާދީ ރާއްޖޭގެ މީޑިއާއަކުން ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލައިގެ ތަހުގީގަށް އަނިޔާ ލިބުނު ފަރާތުން ދިން ބަޔާނާ ހިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ލިބުނު މައުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މައުލޫމާތު ފަތުރަމުން އަންނާތީ، އެކަމާ ގުޅިގެން އަންހެން މީހާއާ ސުވާލުކޮށްފައިވާ ކަމަށެވެ.
އަދި އިތުރަށް މައުލޫމާތު ސާފުކުރުމުން، މައްސަލައިގައި ފުލުހުންނަށް ދިން ބަޔާނަކީ ކަން ހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއް ކަމަށް ބުނެފައިވާ ކަމަށާއި އަދި މައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
"މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް، ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ދާތީ ކަންބޮޑުވުން ހާމަކޮށް، އޭނާގެ ފޮޓޯއާއި މައުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ބަޔާން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު، ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.
އަދި އެދުވަހު ހެނދުނު އަންހެން މީހާ ޑޮކްޓަރަށް ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފަައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ސޯޝަލް މީޑިއާގައި ވެސް މިފަދަ މައުލޫމާތު ދައުުރުކުރުމުގައި ވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންދާރުކަމާއެކު މައުލޫމާތު އާންމުކުރުމަަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ކުށުގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ.