ސިމެންތި ބަރުކޮށްގެން ލ. އަތޮޅުން ދަތުރު ކުރި ދޯންޏެއް ދިޔަވާން ފެށެމުން އެމްއެންޑީއެފް، ސެންޓްރަލް އޭރިއާ، ލ. ކައްދޫގެ ސިފައިންގެ އެހީތެރިކަމާ އެކު ދޯނި ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ލީޒާ” ނަމަކަށް ކިޔާ އެ ދޯންޏަށް ދިޔަވާން ފަށާފައި ވަނީ ލ. ފަރެހާ ދިމާ ބޭރުން ކަމަށެވެ. އަދި އޭރު އެ ދޯނި ދަތުރުކުރީ 5000 ވަރަކަށް ސިމެންތި ކޮތަޅު ބަރުކޮށްގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯންޏަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަށް ލިބުމާ ގުޅިގެން ކައްދޫގައި ތިބި ސިފައިން ދިޔަހިއްކާނެ ޕަންޕު ފަދަ އާލާތްތައް ހިފައިގެން އެ ސަރަޙައްދަށް ދިޔަ ކަމަށެވެ. އަދި ސިފައިން އެ ސަރަހައްދަށް ދިޔަ އިރު ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް އެ ދޯނީގައި ޕަންޕެއް ބޭނުން ކުރަމުން ދިޔަ ކަމަށާއި ނަމަވެސް ކޮންޓްރޯލް ނުވާ ވަރަށް ދޯންޏަށް ދިޔަ އަރަން ފެށުމުން ދޯނީގައި ހުރި ބައެއް ސިމެންތިތައް ދޯނީގެ ފަޅުވެރިން މޫދަށް އުކަމުން ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ނަމަވެސް އެމްއެމްޑީއެފް އިން ބުނީ ސެންޓްރަލް އޭރިއާގެ ސިފައިން އެ ސަރަޙައްދަށް ގޮސް، ދިޔަ އަރަމުން ދިޔަ “ލީޒާ” ދޯނީގައި އިތުރު ޕަންޕުތައް ބަހައްޓައިގެން ދިޔަ ހިއްކަން ކުރި މަސައްކަތުން މިހާރު ދިޔަގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެ ދޯނި މިހާރު ލ. އަތޮޅަށް ވަނުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.