28 Jun 2020, 16:41
ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި، އެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ އޮންނަ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުންމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބެލުމުގައި އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ބައިވެރިވެވަޑައިި ނުގަންނަވާނެ އެވެ.
ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ވަނީ އިއްޔެ ދޫކޮށްލާފަ އެވެ.
ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން ފުލުހުން ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުން ދޫކޮށްލާފައިވަނީ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
މި މައްސަލަ ވަކި ތަފާތު ކުރުމެއް ނެތި ބެލުމަށާއި އެމީހުންނަކީ ކޮން ބައެއްކަން ހާމަ ކުރުމަށް އިދިކޮޅުން ވެސް ވަނީ ގޮވާލާފަ އެވެ.