އަންނަ ހަފުތާގައި ވެސް ބީއެމްއެލްގެ ބްރާންޗްތަކުން ހިދުމަތްދޭނީ ދުރާލައި އެޕޮއިންޓްމަންޓު ދޫކޮށްގެން ކަމަށް އެ ބޭންކުން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ހާލަތަށް ޖޫން 15އިން ފެށިގެން އިތުރު ލުއިތަކެއް ގެނައުމާއެކު އެ ދުވަހުން ފެށިގެން ބީއެމްއެލްގެ ބްރާންޗްތަކުން ހިދުމަތް ދެމުން އައިސްފައިވަނީ އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

ބީއެމްއެލްއިން ބުނީ 29 ޖޫން އިން ފެށިގެން ޖުލައި ދެވަނަ ދުވަހާ ހަމައަށް ވެސް ބްރާންޗްތަކުން ހިދުމަތް ދެމުން އަންނާނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ އެވެ.

މި މުއްދަތުގައި ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 2:00 އާ ހަމައަށެވެ. އަދި ބްރާންޗްތަކުން ލިބޭނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަނި ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބްރާންޗްތައް ހުޅުވާލި ނަމަވެސް މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް މި މުއްދަތުގެ ތެރޭގައި ދޭނީ ހަމައެކަނި އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށެވެ. އޭގެ ތެރެއިން ހަމައެކަނި އޮންލައިންކޮށް ދޭ ހިދުމަތްތަކަކީ؛

  • ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

  • ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
  • ލޯކަލް ބޭންކް ޓްރާންސްފަރ
  • މީރާއަށް ފައިސާ ދެއްކެމުގެ ހިދުމަތް
  • ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުން

ހަމައެކަނި އޭޓީއެމްއިން ދޭ ހިދުމަތްތަކަކީ؛

  • ނަގުދު ފައިސާ ޖަމާކުރުން: ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ.

  • ޗެކު ޖަމާޖުރުން.

ބޭންކް ހުޅުވާ ކޮންމެ ދުވަހަކު ވެސް އޮންލައިންކޮށް ހިދުމަތްތައް ދެމުންދާނެ އެންމެ ފަހު ވަގުތުތަކާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތަކުގެ ތަފްސީލު މިލިންކުންބަލައިލެވޭނެ އެވެ.

އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ބްރާންޗް އަދި ސަރވިސް ސެންޓަރތަކުން ދެމުންދާނެ ހިދުމަތްތަކުގެ ތަފްސީލު ބީއެމްއެލްގެވެބްސައިޓުގައިފެންނަން ހުންނާނެ އެވެ.