02 Jan 2012, 13:24
މީލާދީ ގޮތުން 18 އަހަރު ފުރިހަމަ ނުވާ ކުދިން ކައިވެނި ކުރާ އިރު ޕޮލިސް ރިޕޯޓާއި ކުށުގެ ރެކޯޑެއް ހުށައަޅަން ޖެހޭނެ ކަމަށް ފެމެލީ ކޯޓުން އިއްޔެ އަމަލް ކުރަންފެށި އެ ކޯޓުގެ ގަވާއިދުގައި ހަމަޖައްސައިފި އެވެ.
ފެމެލީ ކޯޓުގެ ކައިވެނި ސެކްޝަންގެ ރެޖިސްޓްރާ އަހުމަދު އަބްދުﷲ މިއަދު ވިދާޅުވީ ކުރިން އެއްވެސް ކަހަލަ ޕޮލިސް ރިޕޯޓަކާއި ކުށުގެ ރެކޯޑެއް ހުށައަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް އެކަން ކުރަން ނިންމެވީ މިހާރަކަށް އައިސް 18 އަހަރުން ދަށުގެ ކުދިންނާއި ކައިވެނި ކުރުމަށް ހުށައަޅާ ބައެއް ފިރިހެން ކުދިންނަކީ ބޮޑެތި ކުށްވެރިން ކަމަށް ވާތީ އެކަމުގެ ސަބަބުން އަންހެން ކުދިން ރައްކާތެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުނގަޑުމެން އެކަން އެގޮތަށް ކުރަން ނިންމީ، މިހާރަކަށް އައިސް އިންނަ އެދޭ ފިރިހެން ކުދިންނަކީ މާލޭގެ މަޝްހޫރު ގްރޫޕްތަކުގައި އުޅޭ ކުށުގެ ރެކޯޑް އޮންނަ މީހުން ކަން ފާހަގަކުރެވޭތީ. އެމީހުންގެ ފަރާތުން އަންހެން ކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
އިއްޔެ އަމަލު ކުރަން ފެށި އެ ކޯޓުގެ ގަވާއިދުގައިވާ ގޮތުން މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިހަމަވެފައިނުވާ ކުދިން ކައިވެނި ކުރުމަށް ހުށައަޅައިފި ނަމަ އެ ކުއްޖާއަކީ ޖިސްމާނީ ގޮތުންނާއި ސިއްހީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖެއްތޯ ބެލުމަށް ޑޮކްޓަރުގެ މެޑިކަލް ރިޕޯޓްތަކާއި ކައިވެނި ކުރަން އެ ކުއްޖާ ބޭނުންވާ ސަބަބާއި އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ކޯޓަށް ހާޒިރުކޮށް ނަގާ ބަޔާނާއި ވާހަކަތަކަށާއި ޕޮލިސް ރިޕޯޓާއި ކުށުގެ ރެކޯޑަށް ބަލާނެ ކަމަށެވެ.
އަދި އެގޮތުގެ މަތިން ނިންމޭ އެއްބަސްވުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްތޯ ބެއްލެވުމަށް ފަހު ކައިވެނި ކޮށްދިނުމާއި ނުކޮށްދިނުމުގެ ހައްގު ކޯޓުގެ ރެޖިސްޓްރާ އަށް ލިބިފައިވާ ކަމެއް ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.