ދައުހާ (ޖޫން 28) : ކޮވިޑް-19 އާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތަކަށް 30 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ގަތަރުން ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރައްވަމުން ގަތަރުގެ ޚާރިޖީވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ވިދާޅުވީ މި 30 މިލިޔަން ޑޮލަރުގެ ތެރެއިން 10 މިލިޔަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ އެޗް އޯ) އަށް ދިނުމަށް މަސައްކަތްކުރާއިރު އަނެއް 20 މިލިޔަން ޑޮލަރު ޚާއްސަކޮށްފައިވަނީ ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތަކާއި ރީސާޗް ތަކަށެވެ. ވެކްސިން އަށް ދޭ ފައިސާ ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އިއްތިޙާދުގެ ކަމާބެހޭ ފަންޑަށް މިހާރު ޖަމާކޮށްފައިވާނެ ކަމަށްވެސް ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އިއްތިޙާދުންވަނީ އެރޯގާއަށް ބޭނުންވާ ވެކްސިން އުފެއްދުމުގެ ރީސާޗްތަކާއި ތަޖްރިބާތަކަށާ އަދި މުޅި ދުނިޔެއަށް ބޭނުންވާ މިންވަރަށް އަގުހެޔޮކޮށް ވެކްސިން ފޯރުކޮށް ދިނުމަށް މަދުވެގެން 31.3 ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އިޢުލާނުކޮށްފައެވެ.

އަދި އެ އިއްތިޙާދުން ގެންދަނީ މިފައިސާ ހޯދުމަށް ދުނިޔޭގެ ގައުމުތަކަށާއި ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކަށާ އަދި މުއްސަނދި ކުންފުނިތަކަށް އިލްތިމާސްކޮށް މިކަމަށް ފައިސާ ދިނުމުގެ މުހިއްމުކަން އެފަރާތްތަކަށް ވިސްނައި ދިނުމުގެ ކޭންޕޭނެއްވެސް ހިންގަމުންނެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކާއި މާލީ މުއައްސަސާތަކުން މިކަމަށް އިޖާބަ ދެމުން ގެންދާއިރު ދުނިޔޭގެ މުއްސަނދި ކުންފުނިތަކާއި މަހުޖަނުންވެސް ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އިއްތިޙާދުގެ ކަމާބެހޭ ފަންޑަށް އެހީގެ ފައިސާ ފޯރުކޮށްދިނުމުގެ ކަންތަކަށް އެއްބާރުލުން ދެމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުން މިދިޔަ މޭ މަހު ބޭއްވި ކޮވިޑް-19 އާ ބެހޭ ސަމިޓްގައި ގަތަރު ސަރުކާރުންވަނީ ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށް ފައިސާގެ އެހީ ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ގަތަރުން ޑަބްލިޔޫ އެޗް އޯ އަށް ދޭ 10 މިލިޔަން ޑޮލަރު ޚާއްސަކޮށްފައިވަނީވެސް ކޮވިޑް-19 އާ ގުޅިގެން އެޖަމްއިއްޔާއިން ކުރާ މަސައްކަތްތަކަށް ކަމަށް އެގައުމުން ބުނެފައިވެއެވެ. (އަލްޖަޒީރާ)