ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ސާކް ގައުމުތަކުގެ މޮނިއުމަންޓްތަކުގެ ތެރެއިން އަޅުކަންކުރާ ބުދުތައް އެކުލެވޭ މޮނިއުމަންޓްތައް ނަގަން ޖެހޭ ކަމަށާއި އިސްރާއީލްގެ ފްލައިޓް ޖައްސަން ނުފެންނަ ކަމަށް އިއްޔެ ނިމުނު އިލްމުވެރިންގެ މަހާސިންތާ އިން ނިންމައިފި އެވެ.

އިލްމުވެރިންގެ މަހާސިންތާގެ ބައިވެރިން އިއްޔެ ނިންމާފައި ވަނީ މޮނިއުމެންޓްތަކާ މެދު އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ދެއްވާފައިވާ ޖަވާބަށް ތާއީދުކުރާ ކަމަށެވެ.

އިޒްރޭލު ފްލައިޓެއް ރާއްޖެ ޖެއްސުމާއި އިޒްރޭލާ އެކު ގުޅުން ބަދަހި ކުރުމުގެ މައްސަލައިގައި ދީނުގައި އޮންނަ ގޮތް ހާމަކުރައްވަމުން ޑރ. މަޖީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ މުސްލިމުންނާ ހަނގުރާމަ ނުކޮށް، މުސްލިމުން ގޯތި ގެދޮރުން ނެރެނުލާ މީހުންނާ ގުޅުން ބަދަހި ކުރުމަކީ ހުއްދަކަމެއް ކަމަށެވެ. ނަމަވެސް އިޒްރޭލަކީ ބައިނަލްއަގްވާމީ އެތައް މުއާހަދާއަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ހިލާފަށް ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ބައެއް ކަމަށާއި އިޒްރޭލާ އެކު އަސްކަރީ، ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަށް މަޖިލީހުން ގަރާރެއް ފާސްކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ގިނަ އިލްމުވެރިން ބައިވެރިކޮށްގެން އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ބޭއްވި މަހާސިންތާ ރޭގެ ފަހުގެ ވަގުތެއްގައި ވަނީ ނިންމާލައިފަ އެވެ. އެ މަހާސިންތާގައި ރާއްޖޭގައި ހިޔާލުތަފާތުވުން އުފެދިފައިވާ ދީނީ ގިނަ މައްސަލަތަކާ މެދު ވަނީ ބަހުސްކޮށްފަ އެވެ.