28 Jun 2020, 08:51
ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރުމުން އެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކޮވިޑާއި ގުޅިގެން ސިލްސިލާ ކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ މިނިސްޓަރު އައިޝަތު މުހައްމަދު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖެ ފާހަގަވެފައި އޮތީ ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރި ގައުމެއްގެ ގޮތުގައި ކަމަށާއި އެއީ ރާއްޖޭގައި ކުރެވުނު ރަނގަޅު ކަމެއް ކަމަށެވެ.
"ދިވެހިންނަށް އަޅާލިވަރަށް ރާއްޖޭގައި ތިބި ބިދޭސީންނަށް ވެސް އަޅުގަނޑުމެނަށް އަޅާލެވުނީމާ ބައިނަލްޣްވާމީ ވަރަށް ގިނަ ފަރާތްތަކުން މިކަން ފާހަގަކުރި،" މިނިސްޓަރު އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
ރާއްޖެއަކީ އިންސާނީ ހައްގުތައް ގަބޫލުކޮށް އޭގެ ގިނަ މުއާހަދާތަކެއްގައި ސޮއިކޮށް އެކަން ތަންފީޒު ކުރަމުންދާ ގައުމެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެ ފަދަ ތަފާތު ކުރަންތަކެއް ނުގެނައުމަށް ނިންމައި ސިޔާސަތުތަކެއް ކަނޑައެޅުމަކީ ކުރެވުނު ރަނގަޅު ކަމެއް ކަމަށެވެ.
ރާއްޖެ އިން 2305 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ދެބައިކުޅު އެއްބަޔަށް ވުރެން ގިނަ މީހުންނަކީ ބިދޭސީންވެ. އެގޮތުން 1497 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދަކީ 808 އެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް މީހުނަށް ސަރުކާރުގެ ހަރަދުގައި ފަރުވާ ދެމުން އަންނައިރު އެކަމުގައި ދިވެއްސެއް ބިދޭސީއެއް ތަފާތެއް ނުކުރެ އެވެ. އަދި ވެރިރަށް މާލޭގައި ތޮއް ޖެހިގެން އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ގިނަ ބަޔަކު ވަނީ ސަރުކާރުން ގާއިމް ކުރި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ހާލުގައި ޖެހި މަގުމަތިވި ހުރިހާ ފަރާތްތަކަށް ސަރުކާރުން އެހީވި އެވެ. ދޭސީއެއް ބިދޭސީއެއް ތަފާތެއް ނުކުރެ އެވެ.
ނަމަވެސް މި ބަލި މަޑުކަމުގެ ތެރޭގައި ސަރުކާރުން، ދިވެހިންނަށް ވުރެން ބިދޭސީންއަށް އިސްކަންދިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރި އެވެ.