ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕް ކުރި މީހުން ހާމަ ކުރުމަށް އިނދިކޮޅުން ސަރުކާރަށް ގޮވާލައިފި އެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 26 ޖޫން ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފަ އެވެ.

ނަމަވެސް އެ ދެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކުވެގެން ރޭޕް ކުރި ކުރުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ކުށުގެ ވެށިން އެ ދެމީހުން ހައްޔަރުކޮށް، ބަންދުކުރުމުން ވެސް ހައްޔަރުކޮށްފައި ބައިތިއްބަން އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ފުލުހުންގެ އިދާރާއިން އެދެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމުގައި ވީހިނދު، އަދި ގާނޫނުލް އުގޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތަކަށް ދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ. އެކަމުގައި ވަކި އާއިލާއަކަށް ނުވަތަ މަގާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި، ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިފަދަ ކަންކަން ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން، ސަރުކާރާއި ތަހުގީގީ އިދާރާތަކާއި ޝަރުއީ ދާއިރާއާއި ހައްގުތައް ހިމާޔަތްކުރާ މުއައްސަސާތަކުން ވެސް ފުރިހަމަ ޒިންމާ އަދާކޮށްގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނާ މެދު އެފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެެއް ކަމަށް އިނދިކޮޅުން ވަނީ ބުނެފަ އެވެ.

"އެހެންކަމުން، އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއްނެތި، ޖިންސީ ގޯނާ ލިބުނު ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށާއި، މިކަންކުރިބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ. އަދި މި އަނިޔާވެރި އަމަލު ހިންގާފައިވާ ފަރާތްތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށްވެސް ގޮވާލަމެވެ،" އިނދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.