އިއްޔެ ރޭ މާލޭގައި ތިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި ކުނިއުކާލަން ދިޔަ 46 އަހަރުގެ ދިވެއްސެއްގެ އިތުރުން ބަންގުލަދޭޝް މީހެކެވެ.

ކުޑަ ފިރިހެން ކުއްޖާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ އިއްޔެރޭ މެންދަމު 1:40 ހާކަންހާއިރު އެވެ. ދެވަނަ މީހާ އަށް ހަމަލާދިނީ އެރޭ ފަތިހު ކުނިގޮނޑު ކައިރިންނެވެ.