27 Jun 2020, 19:43
އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ބިރުދައްކައިގެން، އެކުއްޖާގެ އިތުރުން އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަށް ހަތަރު ދައުވާއެއް އުފުލައިފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ބ. ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު (25އ) އެވެ.
ޕީޖީ އޮފީހުން ބުނީ، އޮޅުވާލައިގެން އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާހީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެކުއްޖާ މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރު ކުރި އުނައިސް އަހްމަދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާ ކަމަށެވެ.
އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު، އުނައިސް އަހްމަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަމުރެއް ކޮށްފައެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު، އަނެއްކާ ވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.