ނ. ކެނދިކުޅުދޫގައި ބަޔަކު ރަށު ކައުންސިލް އިދާރާގެ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުން އެބަދެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ހަސަން ޒައީމް މިއަދު ވިދާޅުވީ ރަށު ކައުންސިލް އިދާރާގެ ކުރި މައްޗަށް މީހުން އެއްވީ އެ ރަށުން ދޫކޮށްފައިވާ ގޯތިތައް ބޮޑު ކޮށްދިނުމަށް އެދި ކަމަށެވެ.

"ބަޔަކު ރަށު ކައުންސިލް ކުރިމައްޗަށް އެއްވެއަޑު އުފުލަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ. މީހުން އެއްވެފައިވާ ހާދިސާއާބެހޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް އިދާރާގެ ކުރިމައްޗަށް މީހުން އެއްވީ މިދިޔަ މަހު އެރަށުން ދޫކުރި 2000 އަކަފޫޓްގެ ގޯތިތައް 4000 އަކަފޫޓަށް ބޮޑުކޮށް ދިނުމަށް އެދި ކަމަށެވެ.