27 Jun 2020, 19:47
ކޮވިޑް-19 ގެ ނުރައްކާ އިންސާނުންނަށް ބޮޑުވާ 4 ކަމަކާއި އޭގެ ނުރައްކާ ކުޑަވާ ހަތްކަމެއް ސިއްޙީ ތަޖްރިބާކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19 އަކީ ރޯގާއެކެވެ. އެރޯގާ ޖައްސާ ވައިރަސްގެ ނަމަކީ ސާސްކޮވް-2 އެވެ. ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާ ކަންތައްތަކުގެ ތެރޭގައިވެސް އަދި އޭގެ ނުރައްކާ ކުޑަވާ ކަންކަމުގެ ތެރޭގައިވެސް އިންސާނުންގެ ކޮންޓްރޯލް އޮންނަ ކަންކަމާއި ނޯންނަ ކަންކަން ހިމެނެއެވެ.
އިންސާނުންގެ ކޮންޓްރޯލް ނޯންނަ ކަންތައް ތަކުގެ ގެތެރޭގައި ހިމެނޭ ހަތަރު ކަމަކީ:
1-އުމުރު:އުމުރު މައްޗަށް ދިޔަ ވަރަކަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެއެވެ. މާނައަކީ ކޮވިޑް-19 ޖެހުމުން ފުރާނައަށް ނުރައްކާވާ މިންވަރު ޒުވާން އުމުރުގެ މީހުންނަށްވުރެ ދޮށީ އުމުރުގެ މީހުންނަށް ބޮޑުވެެއެވެ. ޚާއްސަކޮށް 50 ނުވަތަ 55 އަހަރުން މަތީ މީހުންނަށެވެ.
2-ލޭގެ ގްރޫފް:ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އޭ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް އެރޯގާގެ ނުރައްކާ ލޭގެ އެހެން ގްރޫޕްތައް ހުންނަ މީހުންނަށްވުރެ މާބޮޑު ކަމަށް ވެއެވެ. މިހާތަނަށް ކުރި ސާވޭތަކާއި ބެލިބެލުންތަކުން އެނގިފައިވާ ގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އޭ ގްރޫޕްގެ ލޭ ހުންނަ މީހުންގެ 45 އިންސައްތަ މީހުންނަށް ފުރާނައަށް ނުރައްކާ ވާވަރަށް އެރޯގާގެ އަސަރުކޮށްފައިއެވެ. އެނޫން ލޭގެ ގްރޫޕްތަކުގެ މީހުންނަށް ކޮވިޑް ޖެހުމުން މިފެންވަރަށް އޭގެ އަސަރު ކޮށްފައެއް ނުވެއެވެ.
ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައިވެސް އޭ ގްރޫޕްގެ ލޭ ހުންނަ މީހުން ގެ ނިސްބަތް މަތިކަންވަނީ ފާހަގަކޮށްފައެވެ. އަދި އޯ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކޮވިޑްގެ އަސަރުކުރާ މިންވަރު ތަންކޮޅެއް ކުޑަކަންވެސްވަނީ ހާމަވެފައެވެ.
3-މާބަނޑުވުން:ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި މާބަނޑު މީހުން ތިބިނަމަ އެނޫން މީހުންނަށްވުރެ މާބަނޑު މީހުންނަށް އޭގެ އަސަރުކުރާމިންވަރު ބޮޑުވެއެވެ. މިކަން ތަޖްރިކާބަތަކުން ހާމަވެފައިވާކަން އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑައިރެކްޓާ ރޮބަޓް ރެޑްފީލްޑް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އަދި ޗައިނާއާއި އިނގިރޭސިވިލާތުގެ ސިއްހަތާބެހޭ މާހިރުންވެސްވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.
ކަން މިހެން އޮތްނަމަވެސް ކޮވިޑް ޖެހިގެން މަރުވާނިސްބަތް މާބަނޑު މީހުންގެ ތެރޭގައި ގިނަކަން ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އުފުލަންޖެހޭ ވޭނާއި ހަށިގަނޑަށް ކުރާ އަސަރު މާބަނޑު ވެފައިވާ ހާލަތުގައި މާ ބޮޑުވާކަމަށްވެއެވެ.
4-އެނޫން ބަލިތައް ތަހައްމަލް ކުރާ މީހުން:ކޮވިޑް-19 ޖެހޭ މީހުންނަށް ބަލާއިރު ހިތާއި ނާރުތަކުގެ ބަލިމީހުންނާއި ކިޑްނީގެ ބަލިތަކާއި ހަކުރު ބަލި އަދި އެނީމިއާ ފަދަ ބަލިތަކުގެ މީހުންނަށް އެރޯގާގެ އަސަރުކުރާވަރު އާދަޔާ ޚިލާފަށް ބޮޑުވެއެވެ. މީގެއިތުރުން ގުނަވަންތައް ބަދަލުކޮށްފައި ވުމުގެ (ޓްރާންސްޕްލާންޓް ކޮށްފައިވުމުގެ) ސަބަބުން ހަށިގަނޑުގެ ދިފާއީބާރު ބަލިކަށިވެފައިވާ މީހުންނަށްވެސް ކޮވިޑް ގެ ނުރައްކާ އާދަޔާ ޚިލާފަށް ބޮޑުވެއެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިންސާނުންގެ ކޮންޓްރޯލް އޮންނަ ކަންކަމަށް ބަލާއިރު މީގެތެރޭގައި ހަތްކަމެއްވެއެވެ. އެއީ:
1- ސިއްޙީ ރައްކާތެރި ކަމުގެ ތެރޭގައި ހިމެނޭ އަތްދޮވުމާއި މާސްކް އެޅުމާއި ގައިދުރުވުން ފަދަކަންކަމާއި ލޮލާއި އަނގަ އަދި ނޭފަތުގައި އަތް ނުލުންފަދަ ކަންތައްތައް.
2- ކާތަކެތި ރަނގަނޅަށް ދޮވެގެން އަދި ރަނގަނޅަށް ކައްކައިގެން ކެއުން. މިސާލަކަށް އެއްގަމު މަހާއި ބިސްފަދަ ތަކެތި ވަރަށް ރަނގަނޅަށް ކައްކައިގެން ނޫނީ ނުކެއުމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ލަފާ ދެއްވައެވެ. އަދި ތަރުކާރީއާއި މޭވާގެ ބޭރުވެސް ވަރަށް ރަނގަނޅަށް ދޮވުމަށް އެފަރާތްތަކުން އިރުޝާދު ދެއެވެ.
3- އެއްގައުމުގައި ދިރިއުޅޭ ޖަނަވާރުތަކާ މިދުވަސްވަރު ގާތްނުވުމާއި އޭގައި އަތްނުލުން.
4- ހަށިގަނޑުގައި ދިފާއީ ބާރު ވަރުގަދަކޮށްދޭ ކާނާ ކޮންމެ ދުވަހަކުވެސް ކެއުން. ހަށިގަނޑުގައި ދިފާއީ ބާރު ވަރުގަދަ ކޮށްދޭ ކާބޯތަކެތީގެ ތެރޭގައި ފިޔާ، އިނގުރު، ލޮނުމެދު، އެކި ބާވަތުގެ ބެރީސް، އެކިބާވަތުގެ ނަޓްސް، އަންނާރު، ބީޓް ރޫޓު، ލުބޯ އަދި އޮރެންޖާއި ގްރެޕް ފުރުޓް ފަދަ ތަކެތި ހިމެނެއެވެ.
5- ތަރުކާރީއާއި މޭވާ ކިރު އަދި މަސް ފަދަ ތަކެތި ހިމެނޭ ގޮތަށް ބެލަންސް ޑައިޓެއް ގެންގުޅުން
6- މާބޮޑަށް ފަލަވިޔަ ނުދީ ހެލްތީ ވެއިޓެއްގައި ހުރުމަށް މަސައްކަތް ކުރުން. ކޮވިޑް-19 އާ ދެކޮޅަށް ފަރަންސޭސި ސަރުކާރަށް ލަފާދޭ ސިއްހަތާބެހޭ ކޮމިޓީގެ އިސްވެރިޔާ ޖާން ފްރާންސްވާ ޑެލްވަރިސީ ވިދާޅުވެފައިވާގޮތުން މާބޮޑަށް ފަލަ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެއެވެ.
(ރޮއިޓާސް + ނިއުއިންގްލެންޑް ޖާނަލް އޮފް މެޑިސިން)