27 Jun 2020, 14:10
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ހިންގި ތިން އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި ތިން އޮޕަރޭޝަން ކަމަށް ފުލުހުން ބުންޏެވެ.
ފުރަތަމަ އޮޕަރޭޝަނުގައި، ހުޅުމާލެއިން މާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ކޭސްތައް ވަނީ ފެނިފައެވެ.
އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ދެ ފްލެޓެއް، ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ ފެނިފައެވެ.
އެއް ފްލެޓުން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައިގައި 26 އަހަރުގެ ދިވެއްސަކާއި 29 އަހަރުގެ ދިވެއްސެއް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.
ދެވަނަ މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ އެންމެންނަކީވެސް ދިވެހިން ކަމަށާއި، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ކޯޓުން ދީފައިވެއެވެ.
ފުލުހުން ބުނީ ތިން މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.