02 Jan 2012, 11:53
އާސަންދަ ޕްރޮގްރާމްގެ އުސޫލުތަކަށް އެއްބަސްވާ އަމިއްލަ ކްލިނިކްތަކަށް އާސަންދައިގެ ދަށުން ހިދުމަތް ދިނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފެށި އާސަންދައިގެ ހިދުމަތް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ދޭގޮތް ބައްލަވާލެއްވުމަށް މިއަދު އައިޖީއެމްއެޗަށް ވަޑައިގެން ރައީސް ވިދާޅުވީ އާސަންދަ ޕޮރްގްރާމްގެ ދަށުން ހިދުމަތް ދެވޭ ކްލިނިކްތައް ވެސް ހުންނަން ޖެހޭކަމަށެވެ. ނަމަވެސް އެ ހިދުމަތް ދެވޭނީ އާސަންދައިގެ އުސޫލުތަކަށް އެއްބަސް ވެވޭ ކްލިނިކްތަކަށް ކަމަށެވެ.
''އަމިއްލަ ކްލިނިކްތަކުން [އާސަންދަ ހިދުމަތް] ދިނުމަކީ ޤައުމީ އުސުލޫގެ ތެރޭގަ އާންމުކޮށް އޮންނަ އުސޫލެއް ނޫންކަމައް ވަނީ. އެހާ ފުޅާ ދާއިރާއެއްގައި ކްލިނިކް ތަކުން ދިނުމަކީ. ކްލިނިކް ތަކަކީ ޕްރައިވެޓް ސެކްޓަރުން ވަކިން ހިންގާ ތަންތަނެއް. އެތަން ތަނަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ފައިސާ ދެއްވައިގެން ވަޑައިގެންނެވޭނީ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ކްލިނކްތައް ހުންނަ އެބަޖެހޭ އާސަންދަ ޕްރޮގްރާމާއި އެއްގޮތްވާ ގޮތަށް ހިންގޭ ކްލިނިކްތައް،'' ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭޑިކޭ ހޮސްޕިޓަލުން ވެސް އާސަންދައިގެ ހިދުމަތް ދެނީ އުސޫލުތަކަށް އެއްބަސްވެގެން ކަމަށާއި އެ އުސޫލުތަކަށް އެހެން ކްލިނިކްތައް އެއްބަސްވާނަމަ އެ ފުރުސަތު ދެއްވާނެ ކަމަށެވެ.
ސިއްހީ ހިދުމަތްތައް ރަނގަޅު ކުރެވެވޭނީ މުޅި ނިޒާމަށް ބަދަލު ގެނެސްގެން ކަމަށާއި އާސަންދަ، ނިޒާމް އައުމާއި ގުޅިގެން ސިއްހީ ނިޒާމް ރަނގަޅު ވެގެން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބޭސް ސީޓި އަށް ސަލާން ޖެހުން ނައްތާލުމަށް ވެފައިވާ ވައުދާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އާސަންދައާއެކު ބޭސް ސީޓީއަށް ސަލާން ޖެހުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.
''ބޭސް ފަރުވާގެ ކަންތައް އެއްވެސް މައްލަސައްއެއް ނުޖެހި ކުރެވޭނެ ގޮތް ވުމަކީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ބޭނުންވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.