02 Jan 2012, 11:31
ޖަރުމަންގެ އެފްސީ ކޮލޯން އަށް ކުޅެމުންދާ އެގައުމުގެ ބައިނަލްއަގްވާމީ ތަރި ލޫކަސް ޕޮޑޮލްސްކީ 10 މިލިޔަން ޕައުންޑަށް ހޯދަން އާސެނަލް އިން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. އާސެނަލްގެ ޑިރެކްޓާ އޮފް ސްޕޯޓްސް ވޮލްކާ ފިންކޭ، ޕޮޑޮލްސްކީ އާއި ވާހަކަ ދައްކަމުންދާ ކަމަށްވެސް މިރިޕޯޓްތައް ބުނެއެވެ.
އުމުރުން 26 އަހަރުގެ ޕޮޑޮލްސްކީ ވަނީ މިސީޒަނުގެ ޖަރުމަން ލީގުގައި 16 މެޗު ކުޅެ، 14 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ނިމުމުގެ ކުރިން އެއްވެސް އެހެން ކުލަބަކަށް ބަދަލު ނުވާނެ ކަމުގެ އިޝާރާތެއް ޕޮޑޮލްސްކީ ދާދި ފަހުން ދީފައި ވެއެވެ.
ޕޮޑޮލްސްކީ އާއި އެކު އާސެނަލްގެ ފޮންކޭ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް މައްސަލައެއް ނެތްކަމަށް ކޮލޯންގެ މެނޭޖިންގް ޑިރެކްޓަރު ކްލައިސް ހޯސްޓްމަން ބުނެފައި ވެއެވެ.
"ޕޮޑޮލްސްކީ އާއި އެކު ވާހަކަ ދެއްކިޔަސް މައްސަލައެއް ނެތް. ނަމަވެސް ދެމީހުން ވާނެ އެކަކު އަނެކަކަށް އިޚްތިރާމްކޮށް އިތުބާރުކުރަން." ހޯސްޓްމަން ބުންޏެވެ.
އެމެރިކާގެ ނިއު ޔޯކް ބުލްސްގެ ފްރާންސް ފޯވާޑް އަދި އާސެނަލްގެ ކުރީގެ ތަރި ތިއަރީ އޮންރީ ވެސް ވަނީ ކުރު މުއްދަތެއްގެ ލޯނެއްގެ ދަށުން އެކުލަބަށް ގެނެސްފަ އެވެ. އެޓީމާއި އޮންރީ ގުޅުމުން އެޓީމުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ވާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެކުލަބަށް ޕޮޑޮލްސްކީ ގެނެވިއްޖެ ނަމަ، އެޓީމުގެ ކެޕްޓަން ރޮބިން ވެން ޕާސީ އަށް އެހީތެރިވުމަށް ދިގު މުއްދަތެއްގައި މަޑުކުރުން އެކަށީގެން ވެއެވެ.