26 Jun 2020, 21:15
ރާއްޖޭގައި ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް، ރައިސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.
ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ 2005 ވަނަ އަހަރު ލިބުމާއި އެކު އެންމެ ފުރަތަމަ ރެޖިސްޓާރ ކުރި އެމްޑީޕީއަށް 15 އަހަރު ފުރުމުގެ މުނާސްބަތުގައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސް ކުރައްވާފަ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޓްވިޓާރ މެދުވެރިކުރައްވައި އެ ޕާޓީގެ މެންބަރުންނަށް ކިޔުއްވާފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 15 އަހަރު ފުރިފައިވާއިރު އެ ޕާޓީގެ އިސް ފަރާތްތަކުގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުން ވެސް އަންނަނީ ތަހުނުޔާ ފޮނުއްވަމުންނެވެ.
މިހާރު އެމްޑީޕީގެ މެންބަރުން އިންތިޒާރު ކުރައްވަމުން ގެންދަވަނީ، ދުވަހުގެ މުނާސްބަތުގައި އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ ޓްވީޓް ކުރައްވާނެ ވަގުތަކަށެވެ.