ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން 25 މިލިއަން ޑޮލަރުގެ ލޯނަކާއި، 25 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފިއެވެ.

އޭޑީބީގެ ރައީސް މަސަޓްސުގޫ އަސަކާވާ ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާ އަސަރާއި، މީގެ އިތުރުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް، ރާއްޖެއަށް އެހީތެރިވެދިނުމަށް އޭޑީބީން ތައްޔާރަށް އޮތް ކަމަށެވެ.

މީގެ އިތުރުން އެ ދާއިރާތަކުން ބޭނުންވާ ބަޖެޓު ސަޕޯޓު ފޯރުކޮށްދޭނެ ކަމަށާއި، އެއީ އާންމު ސިއްހީ ނިޒާމު ވަރުގަދަކޮށް، ނާޒުކު ގްރޫޕުތަކުގެ މީހުންނަށާއި، އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭޑީބީން ރާއްޖެއަށް ދޭން ކަނޑައެޅި ފައިސާ ބޭނުންކުރާނީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ދުވާލަކު ޓެސްޓުކުރެވޭ މިންވަރު 800 އަށް އިތުރު ކުރުމަށާއި، މީހުން އައިސޮލޭޓް ކުރުމަށް މަދުވެގެން 400 އެނދު ހަމަޖެއްސުމާއެކު، ކްރިޓިކަލް ކެއާއަށް ހާއްސަކޮށް މަދުވެގެން 200 އެނދު ހަމަޖެއްސުމަށެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަށް ވެސް އެހީތެރިވާނެއެވެ، އޭގެ ތެރޭގައި ކޮވިޑް19ގެ ސަބަބުން ވަޒީފާއާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް އެލަވެންސް ދިނުމަށާއި ނާޒުކު ގްރޫޕްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮވިޑް19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީވުމަށް، އެ ބޭންކުން ވަނީ 20 ބިލިއަން ޑޮލަރުގެ ސަޕޯޓު ފެސިލިޓީއެއް ކަނޑައަޅައިފައެވެ.