ވޮޝިންޓަން (ޖޫން 26) : ޔަމަންގެ ހަނގުރާމައާގެން އިތުރަށް ކުރިޔަށްދާން ސައޫދީ އަރަބިޔާ މިހާރު ބޭނުން ނުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ސައޫދީން އަމަނާ އަދި ދިފާއީ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާވާ ގައުމު ކަމަށްވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތް މެކަންޒީ ވިދާޅުވީ ޔަމަންގެ ސަރުކާރާއި އެގައުމުގެ ވެރިކަމުގައި އޮތް ޙޫޘީ ޖަމާއަތް ވާހަކަ ދައްކައިގެން ޔަމަންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައި ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެންނަން ސައޫދީ ސަރުކާރު މިހާރު ބޭނުންވާކަމުގައެވެ.

ޔަމަންގެ ހަނގުރާމައަކީ ޚަރަދުބޮޑު މަގްސަދު ހާސިލް ކުރަންދަތި މާބޮޑަށް ދިގުލައިގެންދާނެ ހަނގުރާމައެއްގެ ގޮތުގައި ސައޫދީން މިހާރު ދެކެންފަށާފައިވާ ކަމަށްވެސް ޖެނެރަލް މެކަންޒީ އިޝާރާތް ކުރެއްވިއެވެ.

ޔަމަންގެ ހަނގުރާމައަށް ހަ ވަނަ އަހަރަކަށް ދިގުދެމިގެން ދާއިރު ވެސް އެ ހަނގުރާމައިގެ މަގްސަދެއްކަމަށް ސައޫދީން ކަނޑައެޅި ލަނޑުދަނޑި ހާސިލް ކުރުމުގައި ސައޫދީ އާއި ސައޫދީ ގެ ބައިވެރިން ވަނީ ނާކާމިޔާބުވެފަ އެވެ. ޔޫއޭއީ އާ ގުޅިގެން އަރަބި އަސްކަރީ ކޯލިޝަނެއް ހަދައިގެން އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީންނާ ދެކޮޅަށް 2015 ވަނައަހަރު ސައޫދީން ހަނގުރާމަ ފެށީ ހޫޘީ ޖަމާއަތް ބަލިކޮށް ޔަމަންގެ ވެރިކަމުން އެޖަމާއަތް ދުރުކޮށް ސައޫދީގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަނބުރައި ޔަމަންގެ ވެރިކަމަށް އިޢާދަކުރުމުގެ ބޭނުމުގަ އެވެ.

އެހަނގުރާމައަށް ފަސް އަހަރު ފުރި ހަ ވަނައަހަރަށް ދިގުދެމިގެންދާއިރު ވެސް އެމަގްސަދު ހާސިލް ކުރުމުގައި ސައޫދީ ވަނީ ނާކާމިޔާބުވެފައެވެ. މީގެއިތުރުން ޔަމަންގެ ހަނގުރާމައިގާ ސައޫދީގެ ބައިވެރިޔާ ކަމަށްވާ ޔޫއޭއީ ޔަމަންގައި ހާސިލްކުރަން ބޭނުންވާ މަގްސަދާއި ސައޫދީ ޔަމަންގައި ހާސިލް ކުރަންބޭނުންވާ މަގްސަދު މިހާރުވަނީ ފުށުއަރައި ސައޫދީގެ ތާއީދު ލިބިފައިވާ ރައީސް ހާދީގެ ސަރުކާރާ ޔޫއޭއީވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.

މި ދެފަރާތް ސުލްހަކޮށް މައްސަލަ ހައްލުކުރަން ސައޫދީ ނުކުޅެދިފައިވާ ކަމަށް ހާދީގެ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ޔޫއޭއީން ޔަމަންގައި ސައޫދީ އާ ވަކިން މުޅިން އެޖެންޑާއެއް ގެންގުޅެ ޔޫއޭއީ އަށް ވަފާތެރި ޔަމަންގެ އަސްކަރީ ޖަމާއަތްތަކެއް އުފައްދާފައިވާއިރު އެޖަމާއަތްތައްވަނީ ހޫޘީންނާ ހަނގުރާމަ ކުރުމުގެ ބަދަލުގައި ރައީސް ހާދީގެ ސަރުކާރާ ކުރިމަތިލާން ފަށާފައެވެ. ހާދީގެ ސަރުކާރުން ގެންދަނީ ޔޫއޭއީ ގެ މަގްސަދަކީ ޔަމަން އިސްތިއުމާރު ކޮށް ޔަމަނަށް އަތްގަދަކޮށް ޔޫއޭއީގެ މަދަދު ލިބޭ ޖަމާއަތްތައް ޔަމަންގެ ވެރިކަމަށް ގެނައުން ކަމަށް ތުހުމަތު ކުރަމުންނެވެ.

މިކަމުގެ ސަބަބުން ހާލަތުގެ އެޑްވާންޓޭޖް ނަގައިގެން މަސްލަހީ ބޮޑެތި ފައިދާތަކެއް ނެގުމުގެ ފުރުސަތު ހޫޘީންނަށްވަނީ ލިބިފައެވެ. އަދި ހޫޘީންވަނީ ސައޫދީގެ ތެލުމުގެ މަރުކަޒުތަކާއި ސައޫދީ ބޮޑެތި ސިޓީތަކަށް ބަލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން މިފަހަކަށް އައިސް ސައޫދީ އަށް ރައްދު ޙަމަލާތައްވެސް ތަކުރާރުކޮށް ދޭން ފަށާފައެވެ.

އެހެންކަމުން އިސްވެ ހަމަލާދިނުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ ދިފާއުގައި ޑިފެންސަށް ކުޅެން ސައޫދީ އަށް މިހާރުވަނީ މަޖްބޫރުވެފައެވެ. މީގެއިތުރުން ޔޫއޭއީން އީރާނާއެކު ރައްކާތެރިކަން ހޯދުމުގެ ސިއްރު ޑީލްތައް ހަދަމުންދާއިރު އެކަން ސައޫދީ އާ ހިއްސާ ނުކުރާ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.

މިދިޔަ ހަފްތާގައިވެސް ސައޫދީ ބޮޑެތި ސިޓީތަކަށް ހޫޘީން ބަލިސްޓިކް މިސައިލްތަކާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދިނެވެ. ނަމަވެސް ޑްރޯންތަކާއި މިސައިލްތަކުގެ ބޮޑުބައެއް އަމާޒަށް ވާސިލް ވުމުގެ ކުރިން ސައޫދީން ވައްޓާލިކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)