ބޮޑު މުޒާހަރާ އަށް އިޖާބަދިނުމުގެ ގޮތުން ކަމަށް ބުނެ، ރާއްޖޭގެ ހުރިހާ ރިޒޯޓެއްގައި ރަލާއި އޫރުމަސް ވިއްކުން މަނާ ކުރުމަށާއި ރިޒޯޓްތަކުގައި ހިންގާ ސުޕާތައް ބަންދުކުރުމަށް ސަރުކާރުން ވިސްނާކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ދުވަހު އިއުލާންކުރި ކަންތައްތަކުގެ ތެރެއިން އަމަލީ ފިޔަވަޅެއް އަޅާފައި ވަނީ ސުޕާތައް ބަންދުކުރުމުގައި އެކަންޏެވެ. ވޭތުވެދިޔަ ހަތަރު ދުވަހު ވެސް އެކަންވީ ދުނިޔޭގެ މީޑިޔާތަކުގައި ރާއްޖެއާ މެދު އެންމެ ބޮޑަށް ދެކެވޭ ވާހަކައަށެވެ.

"ދިވެހި ސަރުކާރުން ހުރިހާ ލަގުޒަރީ ސްޕާތަކެއް ބަންދުކޮށްފި،" އިނގިރޭސި ނޫހެއް ކަމަށްވާ ދަ އިންޑިޕެންޑެންޓްގައި ރާއްޖެއާ ބެހޭ ގޮތުން އިއްޔެ ލިޔެފައި އޮތް ސުރުހީގައި އޮތެވެ. އެ ނޫހުގައި އެކަމާ ބެހޭ ގޮތުން ލިޔެފައި އޮތް ކުރު ހަބަރުގައި ބުނެފައި ވަނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީގެ 30 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީއަށް ނުރައްކާ ވެފައިވާ ކަމަށެވެ.

އަވަށްޓެރި އިންޑިޔާގެ ޓައިމްސް އޮފް އިންޑިޔާގައި އިއްޔެ ރާއްޖެއާ ބެހޭ ގޮތުން އޮތް ސުރުހީގައި ވަނީ "ދިވެހިރާއްޖޭގައި އެތައް ސަތޭކަ ސުޕާއެއް ބަންދުކޮށްފި" ކަމަށެވެ.

އެ ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާ އަށް ހަފުތާއެއް ވެފައި ވަނިކޮށް، ހުރިހާ ސުޕާތަކެއް ބަންދުކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރީ މުޒާހަރާ އަށް އިޖާބަދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

ދަ އިންޑިޕެންޑެންޓާއި ދަ ޓައިމްސް އޮފް އިންޑިޔާގެ އިތުރުން ބައިނަލް އަގުވާމީ ގިނަ ނޫސްތަކެއްގައި ރާއްޖޭގެ ރިޒޯޓްތަކުގެ ސުޕާތައް ބަންދުކުރަމަށް ސަރުކާރުން އެންގި ވާހަކަ މިއަދު ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެފަދަ ބައެއް ލިއުންތަކަށް ކޮށްފައިވާ ކޮމެންޓްތަކުގައި ރާއްޖެ އަށް މަލާމާތާއި ފުރައްސާރަ ކޮށްފައިވެ އެވެ.

"ސުޕާތައް ބަންދުކޮށްފައި ޓޫރިޒަމް ވެސް ހުއްޓާލާ! ދެން ޕާކިސްތާނާ އެކު ވައިޓް ހައުސް ކައިރީ ސަލާންޖަހާ ނާށިގަނޑު ހިފައިގެން ކިއުގައި ތިބޭ!" ރާއްޖޭގައި ސުޕާތައް ބަންދުކުރުމަށް ސަރުކާރުން އެންގި ވާހަކަ ލިޔެފައި އޮތް ހަބަރަކަށް މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.

ސުޕާތައް ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ރިޒޯޓްތަކަށް އެންގި އެންގުމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެކަމުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ކިޔަނީ އެއް ލަވައެކެވެ. ނަމަވެސް 23 ޑިސެމްބަރުގެ ބޮޑު މުޒާހަރާގައި އިސްކޮށް އުޅުއްވި ދީނީ އިލްމުވެރިން ތިބީ ސަރުކާރުގެ ނިންމުމާ މެދު އެއްޗެއް ނުބުނެ ހިމޭނުންނެވެ.