26 Jun 2020, 11:59
އަައިޖީއެމްއެޗްގައި ހަދާ ކޮވިޑް-19 ޓެސްޓުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮލިޓީ އެޝުއަރަންސް ޕެނަލްއިން 100 ޕަސެންޓުގެ ސްކޯ ދީފިއެވެ.
އައިޖީއެމްއެޗްއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ކޮވިޑް-19 ޓެސްޓުގެ ފެންވަރު ބަލަން ޑަބްލިއުއެޗްއޯގެ ކޮލިޓީ އެޝުއަރަންސް ޕްރޮގްރާމުން އެ ހޮސްޕިޓަލަށް ފޮނުވި ސާމްޕަލްތަކުގެ ރަނގަޅު ނަތީޖާ ހޮސްޕިޓަލުގެ ޓެސްޓުން ހޯދިފައިވާ ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗްގެ ޓެސްޓަކީ ބައިނަލްއަގުވާމީ ގޮތުންވެސް ފެންވަރު ރަނގަޅު ޓެސްޓެއް ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
އައިޖީއެމްއެޗްގެ ކާމިޔާބީއަށް ޑަބްލިއުއެޗްއޯ މޯލްޑިވްސްއިން ވަނީ މަރުހަބާ ކިޔައިފައެވެ. ދަތިކަމެއް ނެތި ޓެސްޓު ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެވޭތީ އެ ޖަމިއްޔާއިން ހިތްހަމަޖެހުން ފާޅު ކުރިއެވެ.
މި އަހަރުގެ ކުރީކޮޅު ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގައި ފެތުރިގަތް އިރު ރާއްޖޭގައި ޓެސްޓު ކުރުމުގެ ގާބިލުކަމެއް ނެތެވެ. އޭރު ސާމްޕަލްތައް ފޮނުވަމުން ދިޔައީ ބޭރަށެވެ. ނަމަވެސް، ޑަބްލިއުއެޗްއޯގެ އެހީއާއެކު ފެބްރުއަރީ މަހުގެ ފަހުކޮޅު ރާއްޖޭގައިވެސް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމުކުރިއެވެ.
އައިޖީއެމްއެޗްގެ އިތުރުން، އޭޑީކޭ ހޮސްޕިޓަލުގައިއާއި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައިވެސް މިހާރު ކޮވިޑް-19އަށް ޓެސްޓު ކުރެއެވެ. ކުޅުދުއްފުށީގައިވެސް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ޖުމްލަ އަދަދަކީ 46،182 އެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ 2،277 މީހުންނެވެ.