26 Jun 2020, 16:38
ޕާކިސްތާނުގެ ކޮންމެ ތިން ޕައިލެޓަކުން ކުރެ އެކަކު އަތުގައި އޮންނަނީ ފޭކް ލައިސެންސްއެއްކަމަށް އެގައުމުގެ އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރުވާރު ހާން ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގައި އޭނާ ވިދާޅުވީ ޕާކިސްތާނުގެ 262 ޕައިލެޓުން އިމްތިހާން ހެދުމުގެ ބަދަލުގައި އެހެން މީހުން ލައްވާ އެކަން ކުރުވާ ކަމަށެވެ.
"އުދުހުމުގެ ތަޖުރިބާއެއް އެމީހުން ނެތް" ގުލާމް ވިދާޅުވިއެވެ.
ޕާކިސްތާނުގެ އެތެރޭގެ އުދުހުންތަކުގައި މިވަގުތު 860 ޕައިލެޓުން މަސައްކަތްކުރެއެވެ.
ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)އިން މިހާރު ވަނީ ފޭކް ލައިސަންސް ގެންގުޅޭ ޕައިލެޓުން ހޯދައި އެމީހުން އުދުހުން މަނާކޮށްފައެވެ. އެ އެއާލައިންގެ ތަރުޖަމާނު ވިދާޅުވީ ފޭކް ލައިސަންސްގެ މައްސަލައަކީ މުޅި ޕާކިސްތާނުގެ ހުރިހާ އެއަލާއިންތަކެއްހެން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.
ދާދި ފަހުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓެއް ވަނީ ޕާކިސްތާނުގެ ކަރާޗީއަށް ވެއްޓިފައެވެ. އެ މައްސަލަ ތަހުގީގްތަކުން ހާމަވި ގޮތުގައި ބޯޓު ވެއްޓުނުއިރު އޭގައި ތިބި ޕައިލެޓުން ތިބީ ދަތުރަށް ސަމާލުކަން ނުދީ، ކޮވިޑް19 އާ ގުޅޭގޮތުން ވާހަކަދައްކާށެވެ. އެ ހާދިސާގައި 97 މީހަކު މަރުވިއިރު ސަލާމަތްވީ ބޯޓުގައި ތިބި އެންމެ ދެ މީހުންނެވެ.
އެ ހާދިސާ ހިނގިއިރު ބޯޓު އުދުހެމުން ދިޔައީ މާ މަތިންނެވެ. އދި ބޯޓު ޖައްސަން ނޫޅުމަށް އެދި އެއާ ޓްރެފިކް ކޮންޓްރޯލްއިން ތިން ފަހަރަކު އިންޒާރު ދިން ނަމަވެސް އެމީހުން ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އެ ބޯޓުގައި ތިބި ޕައިލެޓުންގެ ލައިސަންސްގެ ސައްހަކަމާ މެދު އެއާލައިނުން އެއްވެސް އެއްޗެއް ނުބުނެއެވެ.
--ސީއެންއެން--